ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު ހަމައެކަނި އޮންނަނީ ރައްޔިތުންގެ މަޖިލީހަށްކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅައި ފާސް ކުރި މި އިސްލާހަކީ، ގާނޫނުއަސާސީއާއި ހިލާފު މާއްދާތަކެއްކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް މައްސަލައެއް ވެއްދީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފާއިވާ މައްސަލައިގެ ދެ އަޑުއެހުން މިހަފްތާގައި ކުރިޔަށް ގެންގޮސްފައިވެއެވެ.
އަންގާރަ ދުވަހުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިކަމުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ މި މައްސަލައަކީ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ. އެގޮތަށް ނިންމެވީ ހުރިހާ ފަނޑިޔާރުންނާވެސް މަޝްވަރާ ކުރެއްވުމަށްފަހުކަމަށް އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވިއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ދައުލަތުން އެދުނު ގޮތަށް 10 ދުވަހުގެ މުއްދަތެއް ފަނޑިޔާރުން ވަނީ ހުރިހާ ފަރާތްތަކަށްވެސް ދެއްވާފައެވެ.
މައްސަލައިގައި މިއަދު ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ. އަދި ގާނޫނުއަސާސީގެ ނަޒަރުގައި ގާނޫނުއަސާސީ ބަދަލު ކުރާނަމަ ފެންނަ ނުފެނަނަ ވޯޓެއް ނަގަން ޖެހޭކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ބަދަލު ކުރުމުގެ ބާރު ސީދާ އޮންނަނީ ރައްޔިތުންނަށެވެ.
މައްސަލައިގެ އަޑުއެހުމުގައި އިޖުރާއީ އިއުތިރާޒު ހުށަހަޅުއްވަމުން ބަންޑާރަނައިބުގެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ، މި މައްސަލަ ހުށަހަޅާފައިވާ ގޮތަށް ބަލާއިރު، މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާއާ ޙަވާލާދީ، ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އަދި 3 ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.
ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.