ސްޓްރެސް ފިލުވަނީ ތަޅުން މައްޗައް ވެއްޓި އޮވެ: ކެތުރީނާ
ދެންމެ | 12 ޖުލައި 2022
ބޮލީވުޑުގެ ހުނަރުވެރި ބަތަލާ ކެތުރީނާ ކެއިފު ސްޓްރެސް ވުމުން ސްޓްރެސް ފިލުވުމަށް ކުރާ ތިން ކަންތައް ހިއްސާ ކޮށްފި އެވެ.

ސްޓްރެސްވުމުން ކަންތައް ކުރާނެ ގޮތެެއް ނޭނގި ގިނަ ފަހަރަށް އެކަން ބަލިމަޑު ކަމަކަށް ބަދަލުވެގެން ދެއެވެ. މިފަދަ ހާލަތްތަކުގައި ސްޓްރެސް ފިލުވުމަށް ކުރެވިދާނެ ކަންތައްތައް ވަރަށް ގިނައިން ތަޖުރިބާކާރުން ހިއްސާ ކުރެއެވެ.

ސްޓްރެސްވުމުން އެކި މީހުން ކަންތައް ކުރާ ގޮތް ތަފާތުވެއެވެ. ނަމަވެސް ސްޓްރެސްވުމުން ބައެއް މީހުން ކުރާ ކަންތައްތައް އަޖުމަ ބަލައިލުމުން އެކަމުން ތިމާއަށް ފައިދާ ކުރާ ފަހަރު ވެސް އާދެއެވެ.

ދުޅަހެޔޮ ސިއްހަތަކަށާއި ހަށިގަނޑަށް ސަމާލުކަން ދޭ ބޮލީވުޑުގެ ބަތަލާ ކެތުރީނާ ކެއިފް ސްޓްރެސްވުމުން ކުރަނީ ތިން ކަމެކެވެ.

ސަޕޯޓަރުންގެ ސުވާލުތަކަށް ޖަވާބު ދެމުން ލައިވް ޗެޓެއްގައި ކެތުރީނާ ބުނެފައިވަނީ ސްޓްރެސްވުމުން އޭނާ އެންމެ ފުރަތަމަ ދަނީ ޖިމަށް ކަމަށެވެ.

ދެވަނަ ކަމަކަށް ތަޅުންމައްޗަށް ވެއްޓި އޮވެ ހިތް ފުރެންދެން ރޮނީ ކަމަށް ވެސް މި ލައިވްގައި ބުނެފައިވެއެވެ.

ތިންވަނަ ކަމަކަށް ރަހުމަތްތެރިއަކަށް ހުރިހާ ވާހަކަތަކެއް ހިއްސާ ކުރުމަށްފަހު ރަހުމަތްތެރިޔާއާއި އެކު ވަގުތު ހޭދަކޮށްލަނީއެވެ.

މި ލައިވްގައި އިތުރަށް ވާހަކަ ދައްކަމުން ކެތުރީނާ ބުނެފައިވަނީ މި ތިން ކަންތައް ކޮންމެ ތަރުތީބަކުން ކުރިނަމަވެސް ރަނގަޅު ވާނެ ކަމަށެވެ. އެންމެ ފުރަތަމަ ހިތް ފުރެންދެން ރުއިމަށްފަހު ރަހުމަތްތެރިއަކާއި ވާހަކަ ހިއްސާކޮށް، އެންމެ ފަހުން ޖިމަށް ދިޔުމަކީ ވެސް ހަމަ ކާމިޔާބުވާނެ ގޮތެއް ކަމަށެވެ.

ކެތުރީނާގެ ފިލުމީ މަސައްކަތަށް ބަލާއިރު ކުރިއަށް ހުރި ޕްރޮޖެކްޓް ތަކަކީ “ފޯން ބޫތު“، “ޖީލޭ ޒަރާ“ ފަދަ ފިލުމުތަކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!