ގިނަ ދަރިން ހޯދައި އާބާދީ އިތުރު ކުރުމަށް އަމްރު ގޮވާލައްވައިފި
ދެންމެ | 12 ޖުލައި 2022

ޖޫން މަހު އުފަންވީ ކުދީންގެ އަދަދު 300 އިން ދަށް ކަމަށާއި އާބާދީ އިތުރު ކުރަން ފަށަންވެއްޖެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު އެހެން ވިދާޅުވީ، އިއްޔެ ފާހަގަކުރި ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން އާރުޑީސީން ކުރި ޓުވީޓަކަށެވެ. އާރުޑީސީގެ ޓުވީޓުގައި ބުނެފައި ވަނީ ފާގަތި މުސްތަގުބަލަކަށް އާބާދީ އިތުރުވެގެން ދިއުން ކޮންޓްރޯލް ކުރުމަށް އާއިލާ ރޭވުމަށް ބާރުއަޅަންޖެހޭ ކަމަށެވެ.

އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި އަމްރު ވިދާޅުވީ އާބާދީ އިތުުރުވުން ކޮންޓްރޯލް ކުރުމުގެ ވިސްނުމަކީ ގޯސް ވިސްނުމެއް ކަމަށެވެ. އަދި އުމުުރުން ދުވަސްވީ އާބާދީއަކާއެކު އުޅެން ޖެހުމުގެ ކުރީން އާބާދީ އިތުރުކުރަން ފަށަންވެއްޖެ ކަމަށް ވިދާޅުވި އެވެ.

އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯ އިން ހަދިޔާ ދިން މިންވަރުގެ ތަފާސް ހިސާބުތަށް ހިއްސާކުރަމުން އަމްރު ވިދާޅުވީ މިދިޔަ ޖޫން މަހު 300 ކުދީންވެސް އުފަން ނުވާ ކަމަށެވެ. އަދި ދެކުނުގައި އެ ނަންބަރުތައް އުޅެނީ ކަންބޮޑުވާންޖެހޭ އަދަދެއްގައި ކަމަށް ވިދާޅުވި އެވެ. މިދިޔަ ޖޫން މަހު އުފަންވީ ކަމަށް ރެކޯޑް ކުރެވިފައި ވަނީ 241 ކުދީންނެވެ.

އެސްޓީއޯގެ ހިސާބުތައް ދައްކާ ގޮތުން ޖޫން މަހު އައިޖީއެމްއެޗަށާއި ޓްރީޓޮޕް އަދި ހުޅުމާލެ ހޮސްޕިޓަލުގައި 136 ކުދިން އުފަންވެފައިވެ އެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި 37 ކުއްޖަކު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި 18 ކުއްޖަކު، ގަމު ރީޖަނަލް ހޮސްޕިޓަލްގައި 16 ކުއްޖަކު އުފަންވި އެވެ.

ދެކުނުން ބަލައި ނަމަ، ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އުފަންވީ ނުވަ ކުއްޖެކެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލްގައި ހަތް ކުއްޖަކު އުފަންވި އިރު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އުފަންވި 18 ކުއްޖެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!