މަށިމާލި ޕެރޭޑް ދިފާއުގައި ކުޅުދުއްފުށީ މޭޔަރު ނުކުއްނަވައިފި
ދެންމެ | 12 ޖުލައި 2022

މީސް މީޑިއާއިން ފެންނަ ފޮޓޯގަނޑަކުން ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ވާނުވާއެއްނޭގޭނެ ކަމަށް ވިދާޅުވެ ޕެރޭޑްގެ ދިފާއުގައި ކުޅުދުއްފުށީ މޭޔަރު އަހުމަދު އާތިފް ނިކުމެ ވަޑައިގެންފި އެވެ.

އާތިފް ފޭސްބުކުގައި ލިޔުއްވާފައިވާ ގޮތުގައި މަށިމާލި ޕެރޭޑަކީ މާއްޔާއި ފުޅަނދު އަދި މެސެޖުގެގޮތުން މުއްސަނދި ހަރަކާތެކެވެ.

އާތިފް ވިދާޅުވީ ޒަމާނުންސުރެ މި ޕެރޭޑްގައި މަށިމާލީގެ އިތުރުން ބޭރު އަދި ދިވެހި މަޝްހޫރު ސަހުސިއްޔަތުތައް، ސިޔާސީ ފަރާތްތައް، ހާދިސާތަކުގެ ރޯލްޕްލޭ ޑްރާމާތައް، ސިޔާސީ ފަރާތްތަކުން ވެފައިވާ ވައުދުތައް، ޤައުމުގަ ހިނގާ ކަންކަމާމެދު މީހުން ދެކޭގޮތް، މޫވީ ކެރެކްޓަރސް، އަދި ދުނިޔެއާއި ރާއްޖޭގައި އެދުވަސްވަރު އެންމެ ޓްރެންޑިން ކަންކަން ދައްކުވައިދޭ މާއްޔާއި ފުޅަނދު ފެނިގެންދާނެ ކަމަށެވެ.

ގިނަފަހަރު ހުށަހެޅުންތައް ފެނިގެންދަނީ ސަމާސާ ހެއްވާ ލާނެތް ގޮތްތަކަށެވެ. ފަހަރުގަ އެ ދޭ މެސެޖް އެހެން ރަށްރަށުގެ ރައްޔިތުންނަށް ފަހުމުވުމުގައި އުނދަގޫ ގޮތްތަކެއްވެސް ހުރެދާނެކަން އަޅުގަނޑުމެންނަށް އެނގޭ ސަބަބަކީ ރަށުގެ ބަހުރުވައިން ދައްކާ ވާހަކަވެސް އެހެން ދިވެހީންނަށް ފަހުމު ވުމުގައި ދަތިތަކާ ކުރިމަތިވާތީ ކަމަށް އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަށިމާލި ޕެރޭޑަކީ އެއްތަނެއްގައި އެއްބަޔަކު ތައްޔާރުކުރާ މާލި ތަކަކަށް ނުވުމުން ބައެއް އަހަރުތަކުގައި އާންމު އިޖްތިމާއީ މިންގަނޑު ތަކާ ދުރު މާލި މަދުންނަމަވެސް ޕެރޭޑާ ގުޅޭކަން ފާހަގަ ކުރެވެއެވެ. އަދި އެކަންކަން ކުޑަކުރުމަށްޓަކައި ޕެރޭޑްގެ އިންތިޒާމް ކޮމެޓީއާއި ކައުންސިލްގެ ފަރާތުން އަންނަނީ އިރުޝާދުތައް އާންމުންނަށް ފޯރުކޮށްދެމުންނެވެ.

ނޫސްތަކުގައި ޕެރޭޑާ ބެހޭގޮތުން އާޓިކަލް ލިޔުއްވަން ބޭނުންފުޅުވާ ބޭފުޅުން ކުރިއަށްއޮތްތަނުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ރަނގަޅަށް ޕެރޭޑު ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށްފަހު، ނުވަތަ ޕެރޭޑުގައި ވާނުވާ އޮޅުންފިލުވުމަށްފަހު ލިއުންތައް ތައްޔާރުކޮށް އާންމުކުރުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް ކަމަށް ވެސް އާތިފްގެ ފޭސްބުކުގައި ލިޔުއްވާފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!