ރައީސް ނަސީދު މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަނީ
ދެންމެ | 24 ޖެނުއަރީ 2023

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމެރީގެ ކެމްޕެއިނަށް ރައީސް މުހައްމަދު ނަޝީދު ފުވައްމުލަކަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނަ އިރު، ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން މައުލޫމާތު ދޭ ގޮތުގައި، އެމަނިކުފާނު މާދަމާ 14:00 ގައި ފުވައްމުލަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެރަށުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވާއިރު، މާދަމާރޭ މާލޭގައި އެމަނިކުފާނު ޒުވާނުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން މާދަމާރޭ 20:30 ގައި ޒުވާނުންނާއި އެކު ރައީސް ނަޝީދު ބާއްވަވާ ސުވާލާއި ޖަވާބު ސެޝަނެއް ލޮނުޒިޔާރަތް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު، 26 ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ކެމްޕެއިން ނިންމަވާލެއްވުމަށް ބާއްވާ ޖަލްސާ 20:30 ގައި އާޓިފިޝަލް ބީޗުގައި ބާއްވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން 27 ވަނަ ދުވަހުގެ ހަވީރު 16:30 ގައި ހާއްސަ ހިނގާލުމެއް ބޭއްވުމަށް ނިންމާފައި ވާކަމަށްވެސް ކެމްޕެއިން ޓީމުން ވަނީ މައުލޫމާތު ދީފަ އެވެ.

މި އިންތިހާބުގައި ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާއިރު، ރައީސް ސޯލިހު ވެސް ގެންދަވަނީ، އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތައް ފޯރީގައި ހިންގަވަމުންނެވެ.

އެގޮތުން އެމަނިކުފާނު މިހާރު ގެންދަވަނީ، އއ. އަދި އދ. ގެ އަތޮޅުތަކަށް ވަޑައިގެން ހަރަކާތްތައް ހިންގަވަމުންނެވެ. އެ ރަށްތަކުން އެމަނިކުފާނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަ ކޮށްލެވެ އެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި އެމްޑީޕީގެ 50،000 އަށްވުރެ ގިނަ މެމްބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާކަމަށް އެ ޕާޓީއިން ވަނީ ބުނެފަ އެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!