ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލާގައި ޖޭއެސްސީއަށް މަހާޒު ހާޒިރުކޮށް ބަޔާން ނަގައިފި
ދެންމެ | 09 މާރޗް 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާ ގުޅޭގޮތުން ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރަމުން އަންނަ ސުލޫކީ މައްސަލަތަކުގައި އެ ކޮމިޝަނަށް އޭނާ ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

މަހާޒު އާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީން ބަލަމުންދާއިރު، އެއް މައްސަލައަކީ މަސާޖު ޕާލާއަކުން ހައްޔަރުކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެކެވެ.

ދެވަނަ މައްސަލައަކީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން މުއާމަލާތްކުރެއްވި ތަނެއްގައި މަހާޒާއި އަޒްމިރާލްދާ ވެސް އިންނެވި މައްސަލަ އެވެ.

މިއަދު އެކެއް ޖެހިއިރު ފަނޑިޔާރު މަހާޒު ޖޭއެސްސީއަށް ވަޑައިގެންނެވީ އޭނާގެ ވަކީލު މުހައްމަދު ފައިސަލްއާ އެކު އެވެ. ޖޭއެސްސީގައި ގާތްގަނޑަކަށް 40 މިނިޓް ހޭދަކުރެއްވުމަށްފަހު ނުކުމެ ވަޑައިގެން މަހާޒުގެ ވަކީލު ފައިސަލް ”ދެން“ އަށް ވިދާޅުވީ މަހާޒުއާ ސުވާލުކޮށްފައިވަނީ ލަތީފްގެ ބަންދުގެ މައްސަލާގައި ނުފޫޒު ފޯރުވާފައިވޭތޯ ކަމަށެވެ.

އެކަމަކު އެއްވެސް ފަނޑިޔާރަކަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށް ޖޭއެސްސީގެ 3 މެންބަރުން ކޮމިޓީން ކުރި ސުވާލުތަކަށް ޖަވާބުދެމުން ފައިސަލް ވިދާޅުވެފައިވެ އެވެ.

އަދި ފަނޑިޔާރާ އެކު މަސައްކަތް ކުރައްވާ އަޒްމިރާލްދާގެ ފިރިކަލުންގެ ބަންދާ މެދު ގޮތެއް ނިންމިކަން މަހާޒު އަށް އެނގިވަޑައިގެންނެވީވެސް މުއްދަތު ޖެހިފަހުން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ނޯއްނާނެ. ވަކި ކަމަށް ކުރަން މަހާޒު ނާންގަވާ

މަހާޒުގެ ބަޔާނަށް ފަހު ޖޭއެސްސީން އެކުލަވާލާ ރިޕޯޓާ ގުޅޭ ގޮތުން އަދި ދެ ފަހަރެއްގެ މަތިން އޭނާ ޖޭއެސްސީއަށް ހާޒިރުކުރާނެ ކަމަށް ބެލެވެ އެވެ. އެއީ ޖޭއެސްސީން ނިންމި ގޮތުގެ ރިޕޯޓުގައި ސޮއިކުރުމުގެ އިތުުރން ރިޕޯޓާ ގުޅޭ އަޑު އެހުމަށެވެ.

ކުރިން އަޒްމިރާލްދާ، ޖޭއެސްސީއަށް ހާޒިރުވާން އޮތީ މިއަދު ހެނދުނު 11 ޖަހާއިރަށެވެ. ނަމަވެސް މާދަމާ ހާޒިރުކުރާ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް އޭނާގެ ވަކީލު އިބްރާހިމް ޝަމީލް ވަނީ ވިދާޅުވެފަ އެވެ.

ޝަމީލު ވިދާޅުވެފައި ވަނީ ޖޭއެސްސީން އެކަން ފޯނުން އަންގާފައިވާ ކަމަށާއި އެކަމަކު ވަކި ގަޑިއެއް ބުނެފައި ނުވާ ކަމަށެވެ.

ޝަމީލު މިއަދު ”ދެންމެ“ އަށް ވިދާޅުވީ އަޒްމިރާލްދާ އާ ގުޅިގެން ޖޭއެސްސީން ތަހުގީގުކުރާ ސުލޫކީ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް އާންމުކޮށް ހުޅުވާލައިގެން ބާއްވައިދިނުމަށް ފަނޑިޔާރުގެ ފަރާތުން ހުށަހަޅައިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށް، އަޑުއެހުން ފެށުމަށް ކުޑައިރުކޮޅަކަށްވެފައި ވަނިކޮށެވެ. ފަނޑިޔާރުން ސަސްޕެންޑް ކުރުމާ ގުޅިގެން ކޯޓުގެ އަޑުއެހުން ފަހު ވަގުތު ވަނީ ކެންސަލްކޮށްފަ އެވެ.

ފަނޑިޔާރުކަމުގެ މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށް ސުއޫދު ވަނީ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވާފަ އެވެ. އިސްތިއުފާ ދެއްވަން ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ސުއޫދު ވަނީ ސަރުކާރާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!