އިންޑިޔާގެ ލަކްޝަދީބުގައި ރާއްޖެ ގޮތަށް ރިސޯޓް ހަދަން ބިޑަށް ލައިފި
ދެންމެ | 10 މާރޗް 2025

އިންޑިއާގެ ލަކްޝަދީބުގައި ”ރާއްޖެ ގޮތަށް“ ރިސޯޓް ތަރައްގީ ކުރަން އަނެއްކާ ވެސް ބިޑަށް ހުޅުވާލައިފި އެވެ.

ރާއްޖެ ފަދަ ޖަޒީރާ ސިފަ ތަކެއް ހުންނަ އިންޑިއާގެ ލަކްޝަދީބުގެ ރަށްތަކުގައި އިކޯ ޓޫރިޒަމް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ރިސޯޓުގެ ތަރައްގީ ކުރަން އިންޓަނޭޝަނަލް ބިޑަށް ލަކްޝަދީބު ސަރުކާރުން އިންޓަނޭޝަނަލް ބިޑަށް ހުޅުވާލި ބިޑް ޑޮކިއުމެންޓުގައިވާ ގޮތުން ލަގްޝަދީބުގެ 36 ރަށުގައި ޓޫރިޒަމް މަޝްރޫއު ހިންގާނެ އެވެ. މ މަޝްރޫއު ހިންގާ ސަރަހައްދުގެ ބޮޑު މިނެއް ކަމަށް ބުނެފައިވަނީ 8.53 ހެކްޓަރެވެ. އަދި ލެގޫން އޭރިއާ ނުވަތަ އަތިރި މަތީގެ ސަރަހައްދުގެ ބޮޑުމިން 6.00 ހެކްޓަރަށް އަރަ އެވެ.

މި މަޝްރޫއަށް ކުރަން ޖެހޭ އިންވެސްޓްމަންޓުގެ އަގު 36 މިލިއަން ޑޮލަރު އަރާނެ ކަމަށް އަންދާޒާ ކުރެވޭއިރު މިތަނުގައި 150 ކޮޓަރި އަޅާނެ އެވެ. މި ކޮޓަރިތަކުގައި 110 ބީޗް ވިލާ އާއި 40 މޫދުގައި އަޅާ ވޯޓާ ވިލާވެސް ހިމެނެ އެވެ.

ލަކްޝަދީބުގައި ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި މި ފުރުސަތުގެ ދަށުން މި ރިސޯޓްތައް ތަރައްގީ ކުރާ ސަރަހައްދުގައި ފެނާއި ކަރަންޓް އަދި ނަރުދަމާގެ ނިޒާމު ވެސް ސަޕޯޓް ސާވިސަސްގެ ގޮތުގައި ތަރައްގީ ކުރަން ޖެހެ އެވެ. މިއާއެކު ފުރާޅުތަކުގައި ސޯލާވެސް ޖަހަން ޖެހެ އެވެ. މި މަޝްރޫ އަށް ބިޑް މިފަހަރު ހުށަހަޅަން ޖެހޭ ތާރީހަކީ މި މަހުގެ 18 ވަނަ ދުވަހެވެ. އަދި ބިޑް ހުޅުވުން އޮންނާނެ ކަމަށް ބުނެފައިވާ ތާރީހަކީ 19 ވަނަ ދުވަހެވެ.

 

މި ރަށްތައް ބިޑަށް ލި މިއީ ފުރަތަމަ ފަހަރެއްނޫން

ލަކްޝަދީބުގައި ރިސޯޓް ހަދަން މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްފައިވެ އެވެ. އެގޮތުން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުވެސް އިއުލާނުކުރި އެވެ. މިހާރު ވިއްކާ ބިޑް ފޮތްތަކުގައި ވެސް ހުރީ ކުރިން ވިއްކި ފޮތްތަކުގައި ހުރި މައުލޫމާތެވެ. މިރާއަށް އެނގިފައިވާ ގޮތުގައި ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ދިވެހި ކުންފުނިތަކަށްވެސް މިފަހަރު އިންޑިއާ ސަރުކާރުން ވަނީ ލަކްޝަދީބުގައި އިންވެސްޓް ކުރަން ދައުވަތު ދީފަ އެވެ.

އިންޑިއާ ސަރުކާރުން ލަކްޝަދީބުގައި ޓޫރިޒަމް ފުޅާ ކުރުމުގެ ޕްލޭން ގެންގުޅޭތާ ލައްކަ ޒަމާން ވެއްޖެ އެވެ. މިގޮތުން މިދިޔަ އަހަރު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ މި ސަރަހައްދު އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މި ކެމްޕޭންއާ ދިމާކޮށް އިންޑިއާގެ ހަރުކަށި ހިންދޫއިން އިސް ނަގައިގެން ރާއްޖެ ބޮއިކޮޓް ކުރަން ކެމްޕޭނެއް ފެށި އެވެ.

އަދި މި ”މަޅީގައި“ ދިވެހިންގެ ބަޔަކު ޖެހި އެ ގައުމަށް ބަދުބަސް ރައްދު ކުރުމާއެކު ދެ ގައުމުގެ ގުޅުން ގޯސްވެ މުޅި އިންޑިއާގައި ރާއްޖެ ނުދިއުމަށް ގޮވާލާ ކެމްޕޭނެއް ފެށި އެވެ. އަދި ސޯޝަލް މީޑިއާގައި ބީޖޭޕީ ބޮޓުން ބޭނުންކޮށްގެން ވޯލްޑް ވައިޑް ކެމްޕޭނެއް ވެސް ފެށި އެވެ. ނަމަވެސް ދެ ސަރުކާރުން ކުރި މަސައްކަތްތަކާއެކު ފަހުން މަޝްރަހު ފިނިވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!