މޯލްޑިވިއަނުން ޗައިނާ އާއި ޔޫރަޕް ރާއްޖެ އާއި ގުޅާލަނީ
ދެންމެ | 30 އޭޕްރިލް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް, ގައުމީ އެއާލައިން މޯލްޑިވިއަނަށް ވައިޑް ބޮޑީ އެއާކްރާފްޓު ގެނެސް ޔޫރަޕާއި ޗައިނާއަށް ސީދާ ދަތުރުތައް މި އަހަރު ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.

ވަޒީރުންނާ ސުވާލުކުރެވޭ ފޯރަމް ”އަހާ“ ގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ, މޯލްޑިވިއަނަށް ކޮންމެސް ވަރެއްގެ ގެއްލުންތަކެއް ވީނަމަވެސް, މޯލްޑިވިއަން އިން ބޭރުގެ ގައުމުތަކަށް ޓުއަރިޒަމް ސެކްޓާގައި އުޅުމުން, އިގްތިސޯދަށް ބޮޑެތި ފައިދާ ތަކެއް ވާނެ ކަމަށެވެ.

އެއީ ގައުމުގެ ސަލާމަތަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސްގެ ނިންމެވުމަކީ މި ކަންކަމަށް ބެއްލެވުމަށް ފަހު ނިންމެވި ނިންމެވުމެއް ކަމަށާއި އެކަން ކުރުމަށް މިހާރު ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ވައިޑް ބޮޑީ އެއާކްރާފްޓެއް ރާއްޖެ ގެނެސް އެ ރެޖިސްޓްރީ ބަދަލުކޮށް ކަންކަން ކުރުމަކީ ވަރަށް ވަގުތު ނަގާ ދިގު ޕްރޮސެސްއެއް ކަމަށާއި ނަމަވެސް މި އަހަރު އެ ހިދުމަތް ފަށާނެކަމަށެވެ.

އެގޮތުން މި އަހަރު އޮކްޓޯބަރު ނުވަތަ ނޮވެންބަރު ތެރޭގައި ޗައިނާގެ ސިޓީތަކަށާއި ޔޫރަޕު ބައެއް ސިޓީތަކަށް ދަތުރު ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ އޮކްޓޯބަރު ފަހުކޮޅު ނުވަތަ ނޮވެންބަރާ ހަމައަށް ދާއިރު އަޅުގަނޑުމެންގެ ގައުމީ އެއާލައިން ޗައިނާގެ ސިޓީތަކަށާއި ޔޫރަޕްގެ ބައެއް ސިޓީތަކަށް ފެށުމަށްޓަކައި މިދަނީ ޝެޑިއުލްކޮށް ފެއްޓޭނެ ގޮތް ހެދުމަށް އެ ހިސާބަށް ދާއިރު އޮންނާނީ ވައިޑް ބޮޑީ އޮޕަރޭޝަންސްއާ އެކީގައި ފެށިފައި,“ އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މިއީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރަން ޖެހޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!