ސްރީލަންކާ އެއާފޯސްއިން މިކަމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ގޮތަބަޔާ ރާޖްޕަކްސަ ރާއްޖެ ވަޑައިގެންފައި ވަނީ ފަސްޓު ލޭޑީ އަދި ދެ ސެކިއުރިޓީ އޮފިޝަލަކާއި އެކު ކަޓުނަޔަކް އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ކަމަށެވެ.
ސްރީލަންކާގެ ރައީސް ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައި ވަނީ އާންމުންގެ ގިނަ ބަޔަކު ވެރިކަން ވައްޓާލުމަށް މުޒާހަރާކުރަން ފެށުމާއި އެކު އެގައުމުގެ މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
މުޒާހަރާ ކުރާ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ވަނީ ގޮތަބަޔާ ދިރިއުޅުއްވާ ގެކޮޅާއި ރައީސް އޮފީސްވެސް އެމީހުންގެ ބާރުގެ ދަށަށް ގެނެެސްފައެވެ.
ސްރީލަންކާ އަސްކަރިއްޔާގެ ފްލައިޓެއްގައި ގޮތަބަޔާ އޭނާގެ އަނބިކަނބަލުންނާއި އެކު ރޭ މެންދަމު ރާއްޖެ ވަޑައިގަތީ ފުރަތަމަ އިންޑިއާ އަށް ވެސް ވަޑައިގަންނަވަން މަސައްކަތް ކުރުމަށް ފަހުއެވެ. ނަމަވެސް ގޮތަބަޔާ ދަތުރު ކުރީ އަސްކަރީ ފްލައިޓެއްގައި ކަމުން ފްލައިޓް އިންޑިއާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ނުލިބުމުން ރާއްޖެއަށް ގޮތަބަޔާ ވަޑައިގަތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް ފުރަތަމަ ހުރަސްތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުފޫޒު ފޯރުވައިގެން ގޮތަބަޔާ ރާއްޖެ އެތެރެ ކުރީކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެއެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގަތުމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ރައީސް ނަޝީދު ވެސް އަދި ދިވެހި ސަރުކާރުން ވެސް ނުދައްކަވައެވެ.