ރައީސް އިބްރޭ އެމްޕީއާރުސީ ފައިސާ ނެގި ވާހަކަ އަކީ ދޮގެއް: އަލީ ވަހީދު
ދެންމެ | 11 ޖުލައި 2023

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވި ކަމަށް ކުރިން ވިދާޅުވި ނަމަވެސް އެއީ ”ހަނގުރާމައިގައި ބޭނުންކުރެއްވި ސްމޯކް ސްކްރީނެއް“ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ކުރީގެ ނައިބުރައީސް އަހްމަދު އަދީބުގެ އަތްޕުޅުން ނަންގަވައިގެން، ކަޅު ދަބަހެއްގައި ރައީސް އިބްރާހީމް ގެންދެވި ކަމަށް އަލީ ވަހީދު ވިދާޅުވީ 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހު ޔޫކޭގައި ހުންނަވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިއުމާއެކު އަލީ ވަހީދު މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

މިއަދު މެންދުރުފަހު އެއާޕޯޓުން ނުކުމެވަޑައިގެން މާލޭ އެއް ނަންބަރު ޖެޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސަށް އޭނާ ކުރިން ކުރި ތުހުމަތުތަކާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ، ރައީސް އެމްއެމްޕީއާރުސީގެ ފައިސާ ނެގި ކަމަށް ބުނި ބުނުމަކީ ދޮގެއް ކަމަށެވެ.

ދެ އަހަރު ފަހުން ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އަލީ ވަހީދު ވިދާޅުވީ ރައީސް އިބްރާހީމަކީ 36 މިލިއަން ނަގަންޖެހޭ ވަރަށްވުރެ ”ލިބޭ ބޭފުޅެއް“ ކަމަށެވެ.

”ރައީސް 36 މިލިއަން ނަގާކަށް ނުޖެހޭ އެއީ އެއަށްވުރެ ލިބޭ ބޭފުޅެއް،“ އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް އޭރު ވިދާޅުވާން ޖެހުނީ ”އެމްޑީޕީގެ ތެރެއިން ރޭވިގެން“ އޭނާއަށް އައި ޖިންސީ ފުރައްސާރައިގެ ތުހުމަހުތަކުން ރެކުމުގެ ބޭނުމުގަ އެވެ. އެކަން ކުރީ އޭނާ ފްރޭމްކުރި މީހުން ހޯދަން ބޭނުންކުރި ”ސްމޯކް ސްކްރީނެއްގެ“ ގޮތުގައި ކަމަށް އަލީ ވިދާޅުވި އެވެ.

ދޮގު ހެދި ސަބަބާ ގުޅޭގޮތުން އިތުރަށް އަލީ ވަހީދު ވިދާޅުވީ އެއީ ހަނގުރާމައިގައި ބޭނުންކުރާ އުކުޅެއް ކަމަށާއި ދީނީ ގޮތުން ވެސް ހަނގުރާމައިގެ ތެރޭގައި ދޮގު ހެދުން ހުއްދަވެގެންވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!