ދިމްޔާތުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒުގެ ޢާއިލާގެ ޤާނޫނީ ވަކީލު، އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވަނީ، ރައީސް މުޢިއްޒުގެ އެންމެ ދޮށީ ދަރިކަނބަލުންނާއި، ކުޑަ ދެ ދަރިކަލުންނަށް އެމްޑީޕީއިން ކުރިމަތިކުރުވަމުންދާ ތުހުމަތުތަކާ ގުޅިގެން މަޢުލޫމާތު ޙިއްސާކުރަށްވާފައެވެ.
އާޒިމާ ޝުކޫރު ވަނީ، މެޑަމް ސާޖިދާ މުޙައްމަދު، މި މައްސަލައާ ގުޅިގެން ލިޔުއްވާފައިވާ ބަޔާން އަނގަބަހުން ތަކުރާރުކޮށްދެއްވާ، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އާޒިމާ ވިދާޅުވެފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދަރިންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ގޮތުގައި ކަނޑައަޅާ ކަންތައްތައް، ރަނގަޅަށް އެނަލައިސްކުރުމަށްފަހު ކޯޓަށް މައްސަލަ ހުށައެޅުމަށް ވަނީ ނިންމަވާފައެވެ. ހަމައެހެންމެ، މައްސަލައިގެ ދަށުން ނިންމާ އިތުރު ނިންމުންތައް، ކޯޓަށް މައްސަލަހުށައެޅުމަށްފަހު ނޫސްވެރިންނާ ހިއްސާކުރައްވާނެކަމަށް ވެސް އާޒިމާ ޝުކޫރު ވިދާޅުވެފައިވެއެވެ.
މެޑަމް ސާޖިދާ، މި މައްސަލައާ ގުޅިގެން ލިޔުއްވާފައިވާ ބަޔާނުން، މި ތުހުމަތުތަކުގެ ސަބަބުން އެކަމަނާ އާއި އެކަމަނާގެ އާއިލާއަށް ނަފްސާނީގޮތުން ކުރިމަތިވެފަވާ ގެއްލުންތައް ވަރަށް ސާފުކޮށް ދޭހަވެއެވެ.
މިފަދަ ވާހަކަތަކުގެ ތެރޭގައި އަޅުގަނޑުގެ ދަރިފުޅުގެ ތަޢުލީމީ ޙަޔާތަށާއި އިޖްތިމާޢީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ވަނީ ދައްކައި ފަތުރާފައެވެ. އަދި މިކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަޤްބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުޞަތުތައް ވަނީ ހުޅުވިގެން ގޮސްފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
މެޑަމް ސާޖިދާގެ ބަޔާން
މި ބަޔާނުގައި އިތުރަށް މެޑަމް ސާޖިދާ ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ކޮންމެ ކުއްޖަކީވެސް ޤަނޫނު އަސާސީގެ ދަށުން ރައްކާތެރިކަން ލިބެންޖެހޭނެ ކުއްޖެއްކަމަށާއި، ޑރ. މުޙައްމަދު މުޢިއްޒާއި، އެކަމަނާގެ ދަރިފުޅު އުމައިރަކީ، 16 އަހަރުގެ، ތަޢުލީމީ ޙަޔާތް ފުރިހަމަ ނުވާ ކުޑަކުއްޖެއްކަމަށެވެ. ހަމައެހެންމެ، އުމައިރްއަކީ، އެނާގެ މަންމަޔާއި ބައްޕަގެ ސިޔާސީ ނިންމުންތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް ކުއްޖެއްކަމަށާއި، އެނާގެ މުސްތަޤުބަލު އަދި އޮތީ ކުރިއަށްކަމަށް މެޑަމް ވިދާޅުވެފައިވެއެވެ.
މިއަދު އަޅުގަނޑުގެ ކުދިންނާ، ޚާއްޞަގޮތެއްގައި އަޅުގަނޑުގެ 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް، އެކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ޤަޞްދުކޮށްފީމެވެ. އެއީ ތިޔައިން ކޮންމެ ބޭފުޅަކު ފަދައިން އަޅުގަނޑުގެވެސް އެންމެ ފުރަތަމަ އަދި އެންމެ އިސްވާޖިބަކީ އަޅުގަނޑުގެ ދަރިން ކަމުގައިވީތީއެވެ. އަދި ހަމައެއާއެކު، އަޅުގަނޑުގެ ކުދިންގެ ރައްކާތެރިކަމާއި މުސްތަޤްބަލު ކަށަވަރުކުރުމަކީ އެކުދިންގެ ބައްޕައާއި އަޅުގަނޑުގެ ޒިންމާއަކަށްވީތީއެވެ. އަދި މިފަހަކަށް އައިސް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ޢާއިލާތަކުގެ ނަމާއި އަބުރުނަގާލައި، ކަމާނުބެހޭ މަޢުޞޫމް ޅަދަރިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ ޢަމަލުތަކެއް ހިނގަމުންދާ ހިނދު، އަދި ދުވަހެއް ދުވަހަކަށް މިކަން ގޯސްވަމުންދާއިރު، މިއަދު މި ފިޔަވަޅު އެޅުމަކީ މުސްތަޤްބަލުގައި މި ފަދަ މަޤާމެއްގައި ތިބޭނޭ ކުދިންގެ ރައްކާތެރިކަމަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމުގައި އަޅުގަނޑު ޤަބޫލުކުރާތީއެވެ.
މެޑަމް ސާޖިދާގެ ބަޔާން
މެޑަމް ސަޖިދާގެ ބަޔާން ނިންމަވާފައި ވަނީ، އެ ބަޔާނަކީ އެއްވެސް ޙާލެއްގައި ސިޔާސީ ހައިސިއްޔަތަކުން ލިޔެފައިވާ ވާހަކައެއް ނޫންކަމަށާއި، ހަމައެކަނި ބޭނުމަކީ ރައްކާތެރި މާޙައުލެއް ދަރިންނަށް ފޯރުކޮށްދިނުންކަމުގައި ވިދާޅުވެފައެވެ.