ކޮރަޕްޝަނަކީ ޤައުމެއްގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހެވެ. އިޤްތިޞާދީ ދުވެލި މަޑުޖެހުމާއި، ވެރިކަން ހިންގުން އަދި އިޖްތިމާޢީ ހަމަޖެހުމަށްވެސް ނޭދެވޭ އެތައް އަސަރެއް ފޯރުވައެވެ.
ސަރުކާރުގެ އިސް މުވައްޒަފުން ރިޝްވަތު ހިފުމާއި، ވައްކަން ކުރުމާއި، ގާތްތިމާގެ މީހުންނަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގައި ބައިވެރިވާ ހިނދު، އެއީ ޤައުމުގެ މުސްތަޤުބަލު އަނދިރިކުރާ ކަޅު ވިލާގަނޑެކެވެ. މި ވިލާގަނޑުގެ ސަބަބުން، އުމްރާނީ ތަރައްޤީއާއި، ޞިއްޙީ ޚިދުމަތްތަކާއި އަދި ތަޢުލީމަށް ބޭނުންކުރަންޖެހޭ ވަސީލަތްތައް އަމިއްލަ ޖީބަށް ވެއްޓި، ޤައުމުގެ ކުރިމަގު އަނދިރިވެގެންދެއެވެ.
މިއަދުގެ ސަރުކާރުން ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮަރަޕްޝަނާއި ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތު ތަފާތެވެ. ކޮރަޕްޝަންގެ އަމަލެއްހިނގާކަން އެނގިވަޑައިގަންނަވާ ކޮންމެ ފަރާތަކާއި މެދު ވަގުތުން ފިޔަވަޅު އަޅުއްވައެވެ. މިއީ މީގެކުރިންއެއްވެސް ސަރުކާރެއްގައި އަޅުގަނޑުމެނަށް ފެނިފައިނުވާފަދަ ހަރުދަނާ އުސޫލެކެވެ. ރައީސް މުއިއްޒު މީޑިއާގައި ވިދާޅުވެފައި ވަނީ ކޮރަޕްޝަން ހިންގައި، ގަވާއިދާ ހިލާފަށް ކުރާ ކަމެއް ހުއްޓުވުމުގައި އެ މަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ކޮރަޕްޝަނާއި ނުލާ މި ސަރުކާރު ހިންގާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެކި ފަހަރު މަތިން ދިވެހި ރައްޔިތުންނަށް ދެއްވައިފައެވެ. އަތި މިހާތަނަށް އެކަން ވަނީ އަމަލާއި ބަހުން ސާބިތުކުރައްވާފައެެވެ. އެޗެޑީސީގެ ކޮރަޕްޝަންގެ މައްސަލަތައް، ފްލެޓް ލިސްޓުގެ މައްސަލަ ނުވަތަ އިމިގްރޭޝަންގެ މައްސަލައަށް ނަޒަރު ހިންގާލިޔަކަމުގައި ވިޔަސް ”ދިވެހީންގެ ރާއްޖޭގައި“ ކޮރަޕްޝަނަށް އޮތީ ޒީރޯ ޓޮލަރެންސްކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުގެ އެއްވެސް ފަރާތެއް ކޮރަޕްޝަންގެ ޢަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެފަރާތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅުއްވާނެކަމުގައި ވިދާޅުވެފައެވެ.
ކޮރަޕްޝަނާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ކުރެވެންހުރި މަސައްކަތްތައް ޢިލްމީ ފެންވަރުގައި ކުރިއަށްގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މި ސަރުކާރުގެ ސިޔާސަތަކަށްވާނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ފުރިހަމައަށް އެއްބާރުލުންދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކަށް ވާނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި، އެއީ ކުޑަޔަސް، ބޮޑަސް މި ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމުގެ ޔަޤީންކަން ދިނުން. އާދެ، ކޮރަޕްޝަން އުފަންވާ ހާއްޔަކީ ހުދު ގިރުވާނު ކަމަށް ބުނެވޭ. ކޮރަޝަންގެ ކުށަކީ ހުދު ގިރުވާނުލީ ގިންތީގެ ކުށެއް ކަމަށް ބުނެވޭ. އޭގެ މާނައަކީ، ނަހަމަގޮތުގައި ނުފޫޒު ފޯރުވުމުގެ ކުށް ހިނގަނީ ސިޔާސީގޮތުންނާއި މާލީ ގޮތުން މަތީ ދަރަޖައަކަށް ދެވިފައިވާ މީހުންގެ މެދުގައި ކަމަށް ބުނެވޭ. އެހެންކަމުން، މިތަނުގައި ލިބޭ ފިލާވަޅަކީ، ޤައުމުގެ އިޖުތިމާޢީ ސިޔާސީ ހަރުގަނޑުން ތިމާއަށް މައްޗަށް އެރުނުވަރަކަށް، އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ މަގަށް ބަލަން ފަރުވާތެރިވާން ޖެހޭކަން. އަބަދުވެސް އެ މަގުން ހިނގަން ފައިތިލަ ސީދާކުރަންޖެހޭކަން. އިޚްލާޞްތެރި، ދީންވެރި ހިތެއްގެ ވެރިޔަކަށްވާން ގަދައަޅައި މަސައްކަތް ކުރަންޖެހޭކަން
ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެކި މަގާމުތަކަށް މީހުން އައްޔަން ކުރައްވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށެވެ. އޭގެ ބޭރުން ކަންކަން ކުރާ ނަމަ އެ ކަމެއް ބަލާނެކަން މި ސަރުކާރުން އަންނަނީ ދައްކަމުންނެވެ. މީހަކު ކުރި ކުށަކާ ގުޅިގެން އެ މައްސަލަ ތަހުގީގީ އިދާރާތަކުން ބަލަން ފެށުމުން މި ސަރުކާރުން ނުކުމެ އެކަމެއް ނުހުއްޓުވައެވެ.
އެޗްޑީސީގެ އެތެރޭގައި ކުރީގެ މެނޭޖިންގ ޑައިރެކްޓަރ ފަޒުލް ރަޝީދު ހިންގި ހިޔާނާތް ހާމަވުމުން، ރައީސް މުއިއްޒު ވަނީ ސަރުކާރުގެ އެއްވެސް ވެރިއަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް އިންޒާރު ދެއްވާފައެވެ.
އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަންކުރާކަށް ނޫން، ކޮރަޕްޝަން ހިންގާކަށް ނޫން، ގަވާއިދާ ހިލާފު ކަމެއް ކުރާކަށް ވެސް ނޫން. އޭގެ ބަދަލުގައި ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކު، ރައްޔިތުންނަށް ހިދުމަތް ދިނުމަށް
ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު
ރައީސް މުޢިއްޒުގެ ވެރިކަމުގައި، ދިވެހިރާއްޖެއަކީ ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެމަނިކުފާނުގެ ސިޔާސަތުތަކަކީ ކޮރަޕްޝަންގެ ވިހަ ރުއްގަނޑު އެއްކޮށް ނައްތާލުމަށް އަމާޒުކުރެވިފައިވާ ސިޔާސަތުތަކެކެވެ. މި މަސައްކަތުގައި ކާމިޔާބުވުމަށް، ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވެއެވެ.
ރައީސް މުޢިއްޒުގެ މި މަސައްކަތްތަކުގެ ފޮނިމީރުކަމަކީ ވަގުތީ ކަމެއްނޫނެވެ. މިއީ ދުރު މުސްތަޤުބަލަށް ވިސްނައިގެން ކުރެވޭ މަސައްކަތްތަކެކެވެ.
ގަހެއް އިންދާއިރު، އެ ގަހުގެ މޭވާގެ ފޮނިމީރުކަން ދަރިންނާއި ދަރިންގެ ދަރިންނަށް ލިބޭ ފަދައިން ރައީސުލްޖުމްހޫރިއްޔާ ކޮރަޕްޝަނާއި ދެކޮޅަށް މިއަދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ރައްޔިތުންގެ ފަޅީގައި ހުރެ ރައްޔިތުންނަށްޓަކައި އަންނަންއޮތް ޖީލުތަކަށްވެސް ފައިދާވާނެ ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުން ކުރިއަށްދާ މަަަސައްކަތްޕުޅެކެވެ.