ބޮޑު ދަރަނީގައި ނުހެދުނު ބުރިޖްގެ މައުލޫމާތު ހާމަ ކޮށްފިނަމަ، މަސައްކަތް ހުއްޓޭނެ: ސަރުކާރު
ދެންމެ | 17 އޯގަސްޓް 2023

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދިގެން ތިލަމާލެ ބްރިޖު މަޝްރޫއުފަދަ ބޮޑެތި މަޝްރޫއުތަކުގެ އެއްބަސްވުން ހާމަކުރާ ކަމުގައިވާނަމަ، އެފަދަ މަޝްރޫއުތަކަށް މީހުން ޝައުގުވެރި ނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން އެގޮތަށް ބުނީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ ތިލަމާގެ ބްރިޖު މަޝްރޫއުގެ އެއްބަސްވުން ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ”ދިޔަރެސް“ އިން އެދުމުން، އެ މައުލޫމާތު ސިއްރުކުރަން ޕްލޭނިން މިނިސްޓްރީން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގަ އެވެ.

ދިޔަރެސް އިން ޕްލޭނިން މިނިސްޓްރީގައި އެދުނީ ބްރިޖު އެއްބަސްވުމާ ގުޅޭ އަށް މައުލޫމާތެއް ހޯދުމަށެވެ. އޭގެ ތެރެއިން މިނިސްޓްރީން ހާމަކުރީ ތިން މައުލޫމާތެކެވެ. އެއީ މަޝްރޫއުގެ މުއްދަތަކީ ތިން އަހަރު ކަމާއި، ބްރިޖުގެ މަސައްކަތަށް އަންނަ މީހުންގެ ކޭޓަރިން ހަމަޖެއްސުމުގެ ކަންކަން ދައުލަތުން ނުކުރާ ކަން އަދި ބްރިޖު މަޝްރޫއު އެފްކޮންސްއާ ހަވާލުކުރީ އޯޕަން ޓެންޑާ ޕްރޮސެސްގެ ތެރެއިން ކަމެވެ.

މިނިސްޓްރީން ބުނީ ސިއްރު ހިފަހައްޓަން ޖެހޭނެތީ ދިޔަރެސް އިން އެދުނު މައުލޫމާތުތަކުގެ ތެރެއިން ތެރެއިން ފަސް މައުލޫމާތެއް ހާމަނުކުރެވޭނެ ކަމަށެވެ.

ހާމަނުކުރަން ނިންމި މައުލޫމާތު:

* އެއްބަސްވުމާއި ގުޅިގެން ދެފަރާތުގެ ދެމެދުގައި މައްސަލައެއް ޖެހިއްޖެނަމަ އެ މައްސަލަ ހައްލު ކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތުތައް. މިގޮތުން އާބިޓްރޭޝަނަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަންކުރަނ ކަނޑައަޅާފައިވަނީ ކޮން އިހުތިސާސެއްގައިކަން.

* އެއްބަސްވުން ބާތިލުކުރެވޭނެ އެންމެހާ ހާލަތްތައް

* މުއްދަތާއި އެއްގޮތަށް މަސައްކަތް ނުނިމިއްޖެނަމަ އެޅޭނީ ކޮން ފިޔަވަޅެއްކަން.

* ބްރިޖު އަޅާ ނިމުމަށްފަހު ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއްވެގެން ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިއްޖެ ހާލަތެއްގައި އެފްކޮންސް އިން އެއްވެސް ވަރަކަށް ޒިންމާވާން ޖެހޭނެތޯ.

* އެއްބަސްވުމުގެ ފުރަތަމަ ސަފުހާ، އަދި އެއްބަސްވުމުގައި ސޮއިކޮށްފައިހުރި އެން ފަހު ސަފުހާގެ ކޮޕީއެއް.

އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް) ގައި އިލްތިމާސް ކުރުމުން އައިކޮމް އިން ނިންމީ އެއީ ހާމަކުރަންޖެހޭ މައުލޫމާތެއް ކަމަށެވެ. އެހެންވެ، އައިކޮމްގެ ނިންމުން އިސްތިއުނާފު ކުރަން ޕްލޭނިން މިނިސްޓްރީން ހައިކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

މިއަދު ހައިކޯޓުގައި ކުރިއަށްދިޔަ އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީސް (އޭޖީ) ގެ ފަރާތުން ބުނީ، ހޯދަން އެދިފައިވާ މައުލޫމާތަކީ ތިލަމާލެ ބްރިޖު މަޝްރޫއުގެ އެއްބަސްވުމުގައި ހިމެނޭ ސިއްރުކުރަންޖެހޭ މައުލޫމާތުތަކެއް ކަމަށެވެ.

އަދި އެ މައުލޫމާތު ދިނުމަކީ ސިއްރު ނުހިފެހެއްޓިކަމުގެ ދައުވާ ދިވެހި ދައުލަތުގެ މައްޗަށް ކުރެވިދާނެ ހާލަތެއް މެދުވެރިވާނެ ކަމެއް ކަމަށެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި ބްރިޖުގެ މަޝްރޫއަކީ އޯޕަން ޓެންޑަރިންނަކުން ހަވާލުކޮށްފައިވާ މަޝްރޫއަކަށް ވާއިރު އެފަދަ މަޝްރޫއުތަކުގެ އެއްބަސްވުން އެހާ ފަސޭހައިން އާރުޓީއައިއަކުން ހާމަކުރެވޭ ކަމުގައިވާނަމަ އެފަދަ މަޝްރޫއުތަކަށް އިތުރު އިންވެސްޓްރުން ޝައުގުވެރިކަން ފާޅުކުރުމުގައި ހުރަސްތަކާ ކުރިމަތިވާނެ ކަމަށެވެ.

ކޮންފިޑެންޝިއަލިޓީ ކްލޯޒް އޮތް އިރު ވެސް މާލީ މަސްލަހަތު ހިމެނޭ އެފަދަ މައުލޫމާތު ހާމަކުރެވޭ ކަމުގައިވާނަމަ އެފަދަ އެހެން މަޝްރޫއުތަކަށް އެހެން ކޮންޓްރެކްޓަރުން ކުރިމަތިނުލާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެއީ ކުންފުނިތަކުގެ މާލީ މައުލޫމާތު ހާމަވެދާނެތީ އެވެ.

އަދި އެ މައުލޫމާތު ހާމަނުކުރުމަކީ އާންމު މަސްލަހަތައް އެންމެ ރަނގަޅު ގޮތް ކަމަށް ބުނެ އައިކޮމްގެ ނިންމުން ބާތިލްކޮށްދިނުމަށް އެދުނެވެ.

އެކަމަކު މިއަދުގެ އަޑުއެހުމުގައި އައިކޮމް އިން ބުނީ އެއީ ސިއްރުކުރަންޖެހޭ މައުލޫމާތުކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

ކޮންޓްރެކްޓުގެ ކޮންފިޑެންޝިއަލިޓީ ކްލޯޒްގެ ސަބަބުން މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް ދައުލަތުން ބުނި ނަމަވެސް ކޮންޓްރެކްޓްގެ ޓާމްސް އެންޑް ކޮންޑިޝަންސް އަކީ ސިއްރު މައުލޫމާތުގެ ގޮތުގައި ބެލުމުގެ ޖާގަ ނޯންނާނެ ކަމަށެވެ. އަދި ދައުލަތުން ވަކާލާތު ކުރާ ވިޔަފާރީގެ ސިއްރެއްގެ ގޮތުގައި ބެލެވޭނެ މައުލޫމަތު ހޯދަންވެސް އެދިފައި ނެތްކަން އައިކޮމް އިން ފާހަގަކުރި އެވެ.

އެ މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމުގެ މަޖިލީހެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!