އައްޑުއަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
ދެންމެ | 25 މާރޗް 2025
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހުރި އިތުރު ޖެންސެޓެއް ހުއްޓި، ފެނަކައިން ކަރަންޓު ކަނޑަން ޖެހޭ ވަގުތު އިތުރުކޮށްފައިވަނިކޮށް އެ މައްސަލަ އަށް ހައްލެއް ހޯދުމަށް އިތުރު ޖަނަރޭޓަރެއް ފޮނުވަން ނިންމައިފި އެވެ.

ރޯދަ މަހަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށްދޭނެ ކަމަށް ފެނަކައިން ބުނި ނަމަވެސް ރޯދަ މަސް ފެށުނު ފަހުން ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިފައެއް ނުވެ އެވެ. އެގޮތުން އިންޖީނެއްގެ ހޮޅިގަނޑެއް ފަޅައިގެންދިއުމުގެ ސަބަބުން ހިތަދޫގެ ބައެއް ސަރަހައްދުތަކުން އިއްޔެ ވެސް އެއް ގަޑިއިރަށް ކަރަންޓު ކަނޑާފައިވެ އެވެ.

އައްޑޫގެ ފެނަކަ ކަސްޓަމަރުންނާ މައުލޫމާތު ހިއްސާކުރާ ވައިބާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ މަރާމާތުގެ މަސައްކަތްތަކެއް ކުރަމުން އަންނާތީ ލޯޑު ބޮޑުވާ ގަޑިތަކުގައި އެކި ސަރަހައްދުތަކުން 1 ގަޑިއިރަށް ކަރަންޓު ހިދުމަތް މެދުކަނޑަމުންދާނެ ކަމަށެވެ. އަދި މިރޭ އިތުރު ޖެންސެޓަކަށް ވެސް މައްސަލަ ދިމާވެ، އިތުރަށް ކަރަންޓު ކަނޑަން ޖެހިދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ފެނަކައިގެ އޮފިޝަލަކު މިރޭ ބުނީ މި ރޯދަމަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރާނެ ކަމަށް ކުރިން ކުންފުނިން ބުނި ނަމަވެސް އެކަން ކާމިޔާބު ނުވީ ޖަނެރޭޓަރުތަކަށް ބޮޑެތި މަރާމާތުތަކެއް ބޭނުންވާތީއާއި އަދި ރޯދަމަސް ކަމަށް ވެފައި ހަވީރު ގަޑީގައި ލޯޑް އިތުރަށް ހިފާތީ ކަމަށެވެ.

އެހެންކަމުން އިތުރު ހައްލެއް ހޯދުމަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް މާދަމާ އައްޑޫއަށް ފޯރާނެ ކަމަށެވެ.

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން މި ދެ މަސް ދުވަހުގެ ތެރޭގައި އިތުރު ޖެންސެޓުތަކެއް ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި ރޯދައިގެ ކުރިން ގެންގޮސް ބޭނުންކުރަން ފެށި 1.8 މެގަވޮޓުގެ ޖެންސެޓަކާއި މި މަހުގެ ތެރޭގައި ފޮނުވި 1،000 ކިލޯވޮޓުގެ ޖެންސެޓެއް ހިމެނެ އެވެ. އަދި ފަހުން 1،600 ކިލޯވޮޓުގެ ޖެންސެޓެއް ފޮނުވުމުގެ މަސައްކަތް ވެސް ފެނަކައިން ކުރި އެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސްފައިވާއިރު، ރޯދަމަސް ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށްތަކުގައި ހުރި ކަރަންޓު މައްސަލަތައް ހައްލުކުރުމުގެ އަމާޒުގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މިކަަން ހައްލުކުރަން ސަރުކާރުން ތަފާތު އެކި ތާރީހުތައް ދިން ނަމަވެސް އަހަރަކަށްވުރެ ގިނަ ދުވަސް މި މައްސަލައަށް ވަނީ ވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!