ނިރުބަވެރި އިސްރާއީލާއި ޔަމަނާއި ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި އެގައުމުން ފޮނުވާލި މިސައިލްތަކުން ސަލާމަތްވާން އުޅުނު އަންހެނަކު ވަޅަކަށް ވެއްޓި މަރުވެއްޖެއެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އަންހެން މީހާ ވެއްޓިފައިވަނީ ފުން މިނުގައި 5 މީޓަރު ހުރި ވަޅަކަށެވެ. އޭނާ އެވަޅަށް ވެއްޓިފައިވަނީ ޔަމަނުން އިސްރާއީލަށް ފޮނުވާލި 2 މިސައިލްއާއި ގުޅިގެން އޭނާ ހުރި ސަރަހައްދުގައި ސައިރަން އަޅަން ފެށުމުން، ސަލާމަތްކަން ހޯދަން ދުވެފައި ދަނިކޮށެވެ.
މި ހާދިސާގައި އޭނާ މަރުވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް، އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތަކެއް ދެމުން އަންނައިރު، ޔަމަނާއި އިސްރާއީލާއި ދެމެދު ވެސް އަންނަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ. އެގޮތުން މިއަދު ވެސް އިސްރާއީލުން ޔަމަނަށް ހަމަލާތަކެއް ދީފައިވާއިރު، ރައްދު ހަމަލާގެ ގޮތުން ޔަމަނުން ވެސް ވަނީ އިސްރާއީލަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ.
ޔަމަނުން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ފޮނުވި ނަމަވެސް، އެ މިސައިލްތައް އެގައުމާއި ހަމައަށް ފޯރުމުގެ ކުރިން ނައްތާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.