މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އިމާމުން ފިޤުހުވެރިވުމާއި ގުޅޭގޮތުން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. ޝަހީމް ވިދާޅުވީ، ފިޤުހުވެރިވުމަކީ ޝަރުޢުގެ ޙުކުމްތައް އެވަގުތެއްގެ ޙާލަތުގައި ކަންއޮތްގޮތުގެ މައްޗަށް ފައްތައި ޢަމަލުކުރުމަށް ދަނެގަތުން ކަމަށެވެ. މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި، މިނިސްޓަރ ވަނީ މިކަމުގެ ބައެއް މިސާލުތައް ހިއްސާކޮށްދެއްވާފައެވެ.
މީގެއިތުރުން، ”އެއް ބަޔަކު އަނެއް ބަޔަކަށް ޤުރުއާން ކިޔެވުމުގެ އަޑު އުފުލައި އުނދަގޫވާ ގޮތް ހެދުމަކީ ހަދީސްގައި ނަހީކުރެވިގެންވާ ކަމެއް“ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް ނަމާދު ވަގުތު އިޢުލާންކުރުމަށް ތާޅަފިލި ޖެހުމުގައި އެކަށީގެންވާ އަޑެއްގައި ޖަހަންޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ވާހަކަފުޅުތައް މިނިސްޓަރ ދައްކަވާފައިވަނީ ހުޅުމާލޭގެ އަޒީޒާގެ މިސްކިތުގެ އިމާމާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތް އީދު ނަމާދަށް ހާޒިރުނުވި މައްސަލައިގައި އެ ދެފަރާތް 5 އަހަރު ދުވަހަށް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި އިމާމުވެ ނަމާދު ނުކުރެވޭ ގޮތަށް ސަސްޕެންޑް ކުރުމާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.