ބިހަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އާއި، ބައޮޓިން އަދި ފެޓީ އެސިޑުތައް ހިމެނޭ އެއްޗެކެވެ. މިއީ އިސްތަށިގަނޑު ދިގުކުރުމުގެ ”ޕަވާހައުސް“ އެކޭވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައި ވެއެވެ. މި ބޭނުން ކުރުމުން އިސްތަށީގެ ފޮލިކަލްތަކަށް ލިބެންވާ ނިއުޓްރިއެންޓުތައް ލިބި، އިސްތަށީގެ ފޮލިކަލްތައް ވަރުގަދަ ވެއެވެ.
ބިިހުގައި ހިމެނޭ ޕްރޮޓީން އަކީ އިސްތަށިގަނޑު ވަރުގަދަ ކުރުމުގައި އެހީވެދޭ މާއްދާއެކެވެ. އަދި ބައޮޓިން އަކީ އިސްތަށި ފެޅުމުގައި އެހީވެދޭ މާއްދާއެކެވެ. މީގެ އިތުރުން މީގައި ހިމެނޭ ފެޓީ އެސިޑުތަކަކީ އިސްތަށިގަނޑު މޮއިސްޗަރައިޒު ކުރުމުގައި އެހީވެދޭ މާއްދާތަކެކެވެ.
ބޮލުގެ ހަންގަނޑުގައި ”އެގްވޮޝް“ އުނގުޅުމުން ހަންގަނޑު ރަނގަޅަށް ކޮންޑިޝަން ކޮށްދީ، އިސްތަށީގެ ޓެކްސްޗަރު ރަނގަޅު ކޮށްދެއެވެ. އަދި މި ބޭނުން ކުރުމުން އިސްތަށި ބުރިވުންވެސް ހުއްޓުވައި ދެއެވެ. އަދި ހަމަ އެހެންމެ ބޮލުގެ ހަންގަނޑުގައި ހުންނަ ގުދުރަތީ ތެޔޮކަން ދަމަހައްޓައިދީ، ހަންގަނޑު ހިކުމުންވެސް ދުރުކޮށްދެއެވެ.
ބިހަކީ އިސްތަށިގަނޑަށް މިހާ ފައިދާހުރި އެއްޗަކަށްވީއިރު، މިއީ ބޭނުން ނުކޮށް ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ. :އެގްވޮޝް“ ތައްޔާރު ކުރުމަށްޓަކައި ބޭނުންވާނީ ބިހަކާއި ޒައިތޫނި ތެލެވެ. މި ބޭނުން ކުރުމަށްޓަކައި، ބިހެއްގެ ތެރެއަށް ޒައިތޫނި ތެޔޮކޮޅެއް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާފައި އިސްތަށިގަނޑު ތެއްކޮށް ހުއްޓައި އުނގުޅާލާނީއެވެ. އެއަށްފަހު 10 ވަރަކަށް މިނެޓު ވަންދެން މަޑުކޮށްލުމަށްފަހު ދޮވެލާނީއެވެ.
މިއީ މިހާ ފަސޭހައިން ތައްޔާރު ކޮށްލެވޭ އެއްޗަކަށްވީއިރު މިއީ ހަމަ ކޮންމެ މީހަކުވެސް ތަޖުރިބާ ކޮށްލަން ޖެހޭ އެއްޗެކެވެ. ވީމާ އިސްތަށިގަނޑު ދިގު ކުރަން ބޭނުންވާނަމަ ”އެގްވޮޝް“ ގެ ފެންވަރު ބަލާލަން ޖެހެއެވެ. ހަމަ ގައިމުވެސް މި މަސައްކަތް ކޮށްފިނަމަ، ގިނަ އަދަދަކަށް ފައިސާ ރައްކާކުރެވޭނެއެވެ.