އޭޖީ ބޭރުކުރަން އުޅޭ މީހުން އަދަގޮނޑި ޖަހާ ބުރިން ހަންނަގާނަން: ފައްޔާޒު
ދެންމެ | 11 މެއި 2023

ރާއްޖެއާ މޮރިޝަސްއާ ދެމެދު އިން ވަކިކުރުމުގެ މައްސަލާގައި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކުރައްވާފައި ވަނީ ޒިންމާދާރު މަސައްކަތެއް ކަމަށާއި، އެ މައްސަލައިގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މިރޭ ބުނެފިއެވެ.

ޗާގޯސް މައްސަލައިގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ ހިމެނޭހެން ވަނީ ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މިކަމާ ގުޅޭގޮތުން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައުމުގެ ދިފާއުގައި ގޮތެއް ނިންމުމުގައި ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާ އިން ވަކިކުރުމުގެ މައްސަލާގައި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކުރައްވާފައި ވަނީ ތައުރީފް ހައްގު ޒިންމާދާރު މަސައްކަތްތަކެއް ކަމަށެވެ.

އެގޮތުން އިން ވަކިކުރުމުގެ މައްސަލައިގައި ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ، ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެމްޑީޕީން ގަބޫލުކުރާ ކަމަށާއި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވެސް ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓަވައި ބަންޑާރަނައިބު މިހާތަނަށް އިސްކުރައްވާފައިވަނީ ގައުމީ މަސްލަހަތު ކަމަށް ބަޔާނުގައި ފާހަގަކުރިއެވެ.

ދިވެހިރާއްޖޭގެ މަސްލަހަތު ދިފާއުކޮށް ބަންޑާރަނައިބު އަދާކުރެއްވި ޒިންމާއާ މެދު ސުވާލު އުފައްދައި އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްއިރު, މަގާމުން ވަކިކުރުމުގެ ވޯޓު ހުށަހެޅުން އެމްޑީޕީން ސިފަކުރީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އަޅާނޭކަމުގެ އިންޒާރުދީފައެވެ.

އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި މިކަމަކީ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މަދު ބަޔަކާއެކު ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާތަކާއި ހިންގި ހަރަކާތްތައް ފެއިލްވުމުން ފަށައިގެން އުޅޭ ކަމެއް ކަމަށެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ހިންގަން އުޅެނީ ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފްރަތު އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލައި ބައިބައިކޮށް އަމިއްލަ ސިޔާސީ މަންފާ ހޯދަން ރޭވިގެން ހިންގާ ހަރަކާތެއް ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ދެކޭ ކަމަށް އެމްޑީޕީން ބުންޏެވެ.

ޗާގޯސް މައްސަލައިގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކަށް ގޮންޖަހަމުން އެމްޑީޕީން ވަނީ، އިން ވަކިކުރުމުގެ މައްސަލަ ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި, ބަންޑާރަނައިބުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ފެއިލްކޮށްލާނެ ކަމުގެ އިންޒާރުދީފައެވެ. އަދި މި މައްސަލައިގައި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އެމްޑީޕީުގެ ބަޔާނުގައި ފާހަގަކުރިއެވެ.

ބަންޑާރަ ނައިބުގެ މައްސަލާގައި އިދިކޮޅު އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ، ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި، ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ހިމާޔަތް ކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭތީ އާއި ދިވެހިންނަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުން އެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތައް ދިނުން ހިމެނޭ ކަމަށެވެ.

އިން ވަކިކުރި މައްސަލައިގައި ބަންޑާރަ ނައިބު ރިފްއަތުގެ އިތުރުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އިދިކޮޅު އިއްތިހާދުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!