ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރެއްގެ މަގާމަށް، ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ކުރި އިއުލާން ބާތިލުކޮށްފިއެވެ.
ހައިކޯޓުގެ އިސްފަނޑިޔާރު، ހުސެއިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމުން ހައިކޯޓުން ހުސްވި މަގާމަށް، ފަނޑިޔާރަކު ހޯދަން ޖޭއެސްސީން އިއުލާން ކުރީ ރޯދަ މަހު ފަހުކޮޅުއެވެ. ޖޭއެސްސީން އިއުލާންކުރީ، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އެދޭ ފަރާތްތަކުން އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅާށެވެ. އެހެންނަމަވެސް ޖޭއެސްސީން މިހާރުވަނީ އެ އިއުލާން ބާތިލުކޮށްފައެވެ. އިއުލާން ބާތިލް ކުރި ވަކި ސަބަބެއް ޖޭއެސްސީ ހާމަ ނުކުރެއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި 25 އަހަރު ވެފައިވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
ހައިކޯޓުގައި މި ވަގުތު ތިއްބެވީ 10 ފަނޑިޔާރުންނެވެ. ހައިކޯޓުގެ ބެންޗުގެ ޖުމްލަ އަދަދަކީ 11 ފަނޑިޔާރުންނެވެ.