މަހިންދަ ރާޖަޕަކްސަ އާއި ބަސިލް ރާޖަޕަކްސާ ފުރުން މަނާކޮށްފި
ދެންމެ | 15 ޖުލައި 2022

ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ފިނޭންސް މިނިސްޓަރު ބަސިލް ރާޖަޕަކްސާ ފުރުން މަނާކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.

ލަންކާގެ ސުޕްރީމް ކޯޓުން މި އަމުރު ނެރެފައިވަނީ ޓްރާޕޭރަންސީ އިންޓަނޭޝަނަލް ސްރީލަންކާ (ޓީއައިއެސްއެލް) އާއި އިތުރު ތިން ފަރާތަކުން ގުޅިގެން އެ ދެ ބޭފުޅުން ފުރުން މަނާކޮށް ދިނުމުގެ އަމުރަކަށް ކޯޓުގައި އެދުމާއި ގުޅިގެން އެ މައްސަލަ ބެލުމަށް ފަހު އެވެ. ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މި ދެ ބޭފުޅުން ފުރުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު އަޖިތު ނިވާދު ކަބްރާލް އާއި ކުރީގެ ސެކްރެޓަރީ ހިމެނޭހެން އިތުރު ހަ ބޭފުޅަކު ފުރުންވެސް ވަނީ މަނާކޮށްފައެވެ.

ލަންކާގައި ކުރިމަތިވި އިގްތިސާދީ ބޮޑު ތަދުމަޑުކަމާއި ގުޅިގެން ބާރުގަދަ ރާޖަޕަކްސާގެ އާއިލީ ވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ. މިދިޔަ 20 އަހަރު ލަންކާގައި އެންމެ ނުފޫޒު ގަދަކޮށް އޮތް އެ އާއިލާގެ ބާރު ކެނޑިގެން ދިޔައީ ކުރީން ހީވެސް ކުރެވިފައިނުވާ ގޮތަކަށެވެ. ލަންކާގެ ރައްޔިތުން ރުޅިގަދަވެ މަގުތަކަށް ނިކުމެ ރައީސް ގޮޓަބަޔާގެ ރަސްމީ އޮފީހާއި ރަސްމީ ގެކޮޅަށް ވަދެގަތުމަށް ތައްޔާރުވުމުން ގޮޓަބަޔާ ވަނީ ފިއްލަވާފައެވެ. ހުންނެވި ތަނެއް ނާންގަވާ ލަންކާގައި އެތައް ގަޑިއިރެއް ހޭދަ ކުރެއްވުމަށް ފަހު ކުއްލި ގޮތަކަށް ރާއްޖެ ވަޑައިގަތެވެ. އެއީވެސް ވަރަށް ސިއްރިޔާތުގައެވެ. އޭގެ ފަހުން މިވަގުތު ހުންނެވީ ސިންގަޕޫރުގައެވެ. ސިންގަޕޫރަށް ވަޑައިގެން މަގާމުންވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް