މާލޭގެ ތިން ސަރަހައްދެއްގައި 7 ޕަމްޕުން ފެންހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި
ދެންމެ | 09 އޭޕްރިލް 2025

މާލޭގެ ތިން ސަރަހައްދެއްގައި 7 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިފައިން ބުނެފިއެވެ.

ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ ހުރިހާ ފަރާތްތަކަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ސިފައިން ބުނީ މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންކަމަށެވެ. މިގޮތުން މިވަގުތު ފެން ހިންދުމަށް ޓަކައި މާލޭގެ ތިން ސަރަހައްދެއްގައި 7 ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުންކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ބޯކޮށް ވާރޭވެހެމުންދާތީ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ސިފައިންދަނީ ކުރަމުންނެވެ. އަދި ފުލުހުންވެސް އަންނަނީ މި ދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ހަރަކާތްތެރިވަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލު ބާރު މިނުގައިކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން އުޅޭނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައިކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!