ބަރުލަމާނީ އަށް ބަދަލު ކުރުމަށް ރައީސް ނަޝީދު ހުށަހަޅުއްވައިފި
ދެންމެ | 11 އޯގަސްޓް 2022

ބޮޑުވަޒީރަކު ހުންނަގޮތަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު އިސްލާހު ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މިއަދު ވަނީ އެމްޑީޕީގެ ކޮންގްރެސްއަށް އެމަނިކުފާނު ހުށައަޅުއްވާ ޤަރާރު އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ހުށައަޅުއްވާފައެވެ. އެމަނިކުފާނުގެ ޤަރާރުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އެހުމަށް ހުށައަޅުއްވާފައިވެއެވެ.

އެގޮތުން ރައްޔިތުންގެ ވޯޓުން ބަރުލަމާނީ ނިޒާމަށް ތާޢީދު ލިބިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވޯޓުން ކަނޑައަޅާ ބޮޑުވަޒީރަކު ހުންނަގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައީސް ނަޝީދު ހުށައެޅުއްވިއެވެ. އަދި ވަޒީރުންގެ މަޖިލީހަކީވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ތެރެއިން އައްޔަނުކުރާ މަޖިލީހަކަށް ހެދުމަށްވެސް ހުށައަޅުއްވާފައިވެއެވެ.

އެމްޑީޕީގެ ނައިބުރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒުގެ ތާޢީދާއެކު ރައީސް ނަޝީދު މިއަދު ހުށައެޅުއްވި ޤަރާރުގައި ރައްޔިތުންގެ ސީދާ ވޯޓުން އެންމެ ގިނަ ވޯޓު ލިބޭ މީހަކު ދަޢުލަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާކަމަށް އަންނަގޮތަށްވެސް އިސްލާހު ހުށައަޅުއްވާފައިވެއެވެ.

އެގޮތަށް ހުށައެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ކޯލިޝަން ވެރިކަމުގެ ސަބަބުން ސަރުކާރު ގަޑުބަޑުވުމެވެ. އަދި އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިނުދެވުމާއި އެކަމުގެ ސަބަބުން ޢާއްމު މެންބަރުންގެ އިތުބާރު ޕާޓީއަށް ގެއްލެމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަމައެއާއެކު ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށްވުރެ އިތުރުނުކުރުމަށްވެސް ރައީސް ނަޝީދުގެ ޤަރާރުގައިވެއެވެ. އެގޮތުން މަޖިލީސް އިންތިޚާބުގައި ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތުން ނޭޝަނަލް ލިސްޓް ގޮނޑިތަކެއް މަޖިލީހުގައި ހިމެނުމަށްވެސް ރައީސް ނަޝީދު ހުށައެޅުއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!