އޫބާ އަދި ގްރޭބް ސްޓައިލަށް ސަރުކާރުގެ ޓެކްސީ ޖުލައިގައި ފަށަން ނިންމައިފި
ދެންމެ | 11 އޭޕްރިލް 2025

އޫބާ އަދި ގްރޭބް ފަދަ ސްޓައިލަކަށް ސަރުކާރުގެ ޓެކްސީ ހިދުމަތް ޖުލައި މަހު ފެށުމަށް ހަމަޖެހިއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ހާމަކުރެއްވި ގޮތުގައި އާންމު ދަތުރުފަތުރުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި މި ހިދުމަތް ފެށޭނެ އެވެ.

މި ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، 24 ގަޑިއިރު ހިދުމަތް ލިބޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ”މިހާރު ޓެކްސީ ހިދުމަތުގައި ހުރި ގިނަ މައްސަލަތަކެއް ހައްލުކުރުމަށް މި ހިދުމަތް ފެށުމަށް ނިންމީ،“ ކަމަށެވެ. ޓެކްސީގެ ހިދުމަތަށް 1500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް، ހިދުމަތުގެ ފެންވަރާއި ޑިސިޕްލިންގެ މައްސަލަތައް ހުރުމުން، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ހިދުމަތްތައް ސަރުކާރުން ކޮންޓްރޯލްކުރާ ގޮތަށް ބަލައި، ރާއްޖޭގައި ވެސް ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ނިންމީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާ މި ހިދުމަތް ދިނުމަށް ފުރަތަމަ ފިޔަވަހީގައި 100 އިލެކްޓްރިކް ވެހިކަލް ބޭނުންކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ހިދުމަތް ފުރަތަމަ ފިޔަވަހީގައި މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަށް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގައި 2026 އަދި 2027 ވަނަ އަހަރު ވިލިމާލެ އަދި ތިލަފުއްޓަށް ހިދުމަތް ފުޅާކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތިން ވަނަ ފިޔަވަހީގައި ރަސްމާލެ، ގިރާވަރު، އައްޑޫ އަދި ފުވައްމުލަކަށް ހިދުމަތް ފުޅާކޮށް، 2028 އަދި 2029 ވަނަ އަހަރު ހދ. ކުޅުދުއްފުށްޓަށް ވެސް މި ހިދުމަތް ތައާރަފްކުރުމަށް ވަނީ ރާވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!