ޖޭއެސްސީ މެމްބަރު މާނިއު ސްޕްރީމް ކޯޓަށް ގޮންޖަހާ އިންޒާރު ދީފި
ދެންމެ | 09 އޮކްޓޯބަރ 2022

މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ފުރިހަމަކުރަން ޖެހޭ ޗެއިން އޮފް ކަސްޓަޑީގެ މައްސަލައެއް ޝަރީއަތުގައި ފެންމަތިވެއްޖެ ހާލަތެއްގައި އެ ޗެއިން އޮފް ކަސްޓަޑީއަކާ ގުޅޭ ފުލުހުން ކޯޓަށް ހާޒިރުކޮށްގެން ޗެއިންގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަން ގާނޫނުއަސާސީއާ ހިލާފު ކަމަށް ޖޭއެސްސީގެ މެމްބަރު އަބްދުލް މާނިއު ހުސައިން ވިދާޅުވެއްޖެ އެވެ.

ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވެގެން ޑްރަގްގެ ދައުވާ ލިބޭ މީހުން ދޫވާ މައްސަލަ ބޮޑުވެފައިވާއިރު، ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ މީހުން ކޯޓަށް ހާޒިރުކޮށްގެން އޭގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތް ހަދައިފަ އެވެ. އެގޮތުން، ޗެއިން އޮފް ކަސްޓަޑީގެ މައްސަލައެއް ދިމާވެއްޖެ ނަމަ ފުލުހުން ސީދާ ކޯޓަށް ހާޒިރު ކޮށްގެން އޭގެ ސައްހަކަން ކަށަވަރު ކުރެވޭނެ ކަމަށް އެ ޕްރެކްޓިސް ޑައިރެކްޝަންގައި ވެ އެވެ.

އެކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވައި، ޖޭއެސްސީގެ މެމްބަރު މާނިއު އޭނާގެ ފޭސްބުކްގައި ލިޔުއްވީ، ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ސްޕްރީމް ކޯޓަށް އެއްވެސް ގާނޫނަކުން ދީފައި އޮތް ބާރެއް ނޫން ކަމަށެވެ.

ގާނޫނީ ވަކީލުންގެ ފަރާތުން ޖޭއެސްސީ އަށް އިންތިހާބު ކޮށްފައިވާ މެމްބަރު މާނިއު ފާހަގަކުރެއްވި ގޮތުގައި، ފަނޑިޔާރުން ގާނޫނާ ހިލާފުވުމަކީ ގާނޫނުއަސާސީގެ 142 ގައި މަނާކޮށްފައިވާ ކަމެކެވެ.

އޭނާ ވިދާޅުވީ، އެގޮތަށް ޕްރެކްޓިސް ޑައިރެކްޝަން ނެރުމުން ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އާ ހިލާފުވާނެ ކަމަށެވެ. އެ މާއްދާގެ އެ އަކުރުގައި އޮންނަނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ ކަމަށެވެ.

މަތީ މަރުހަލާ ކޯޓުތަކުން ނިންމާ ނިންމުންތަކަށް، އެ އަށް ވުރެ ދަށު މަރުހަލާގެ ކޯޓުތަކުނ ތަބާވާން ޖެހޭނެ ކަމަށް ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާއިރު، މާނިއު ވިދާޅުވީ، އެ މާއްދާ އަށް ޕްރެކްޓިސް ޑައިރެކްޝަން ނުފެއްތޭނެ ކަމަށެވެ. އެފަދަ ގޮތަކަށް ޕްރެކްޓިސް ޑައިރެކްޝަން ނެރެގެން އެ އަށް އަމަލު ކުރަން ދަށު މަރުހަލާ ކޯޓުތަކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

”މި ނުކިއްސަރު ހަރަކާތް ސްޕްރީމް ކޯޓުން ވަގުތުން ހުއްޓަން ޖެހެއެވެ،“ މާނިއު ލިޔުއްވި އެވެ.

ޗެއިން އޮފް ކަސްޓަޑީއަކީ ފުލުހުން އެއްކުރާ ހެކި ތަހުލީލު ކުރަން ފުލުހުންގެ ތެރޭގައި އެކަކު އަތުން އަނެކަކު އަތަށް ގެންދާއިރު، އެ ހެކި ފުލުހުންގެ ތެރޭގައި އެކަކު އަތުން އަނެކަކު އަތަށް ގެންދިޔަ ގޮތުގެ ސިލްސިލާ، ހަވާލުވި ފަރާތްތަކުގެ މައުލޫމާތާއި ހަވާލުވި ވަގުތާއި ތާރީހުތައް ހިމަނައިގެން ފުލުހުން ތައްޔާރުކުރަން ޖެހޭ ލިޔުމެކެވެ. އެ ލިޔުންތައް މުހިންމު ވަނީ، ހެއްކަށް ބަދަލެއް ގެނެސްފައި ނުވާކަން ޝަރީއަތުން ކަށަވަރު ކުރަނީ އޭގެ މައްޗަށް ކަމުންނެވެ.

ފުލުހުން ހުށަހަޅާ ޗެއިން އޮފް ކަސްޓަޑީގައި އެކި މައްސަލަތައް ހުރެގެން، ކްރިމިނަލް ކޯޓުން މި ފަހުން ވެސް ޑްރަގް މައްސަލަތަކެއްގައި ދައުލަތުން ދައުވާ ކުރި ބައެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފައި ވެ އެވެ. ރާއްޖެއިން ބޭރުން އައި މީހެއްގެ ބޫޓުން ބައި ކިލޯގެ ޑްރަގް ފެނުނު މައްސަލައަކާއި ޖީބުން ޑްރަގް ފެނުނު މައްސަލައެއްގައި ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ޗެއިންގައި ހުރި މައްސަލަތަކެއްގެ ސަބަބުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!