އެމްޑީޕީން މުޒާހަރާ ކުރަން ޝާހިދާއި ފައްޔާޒު ހުއްދައެއް ނުދިން: ރީކޯ މޫސަ
ދެންމެ | 11 އޭޕްރިލް 2025

އެމްޑީޕީގެ މަގުމަތީ ހަރަކާތްތައް ނުފެށިގެން އުޅެނީ އެ ޕާޓީގެ އިސްވެރިން އެކަމަށް ހުއްދަ ނުދެއްވައިގެންކަމަށް އަޑުފެތުރެމުން ދާކަމަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައި ވަނިކޮށް މި ސަރުކާރުން އެ ލިސްޓް އަލުން މުރާޖަޢާކޮށް ބޮޑެތި ބަދަލުތަކަކާ އެކު އާންމު ކުރުމުން އެމްޑީޕީގެ ބަޔަކު ނުކުމެ މިދިޔަ ރަމަޟާން މަހު ވަނީ މަގުމަތީގައި އަޑު އުފުލާފައެވެ.

އޭރުވެސް ލީޑަރޝިޕްގެ ބޭފުޅުން އެ އެއްވުންތަކުން މާ ބޮޑަކަށް ފެނިގެން ގޮސްފައެއް ނުވެއެވެ.

ރަމަޟާން މަހުގެ ފަހު ދިހައަކަށް އެއްވުންތައް މެދުކަނޑާލުމަށްފަހު އެ އެއްވުންތައް އަދިވެސް ފަށާފައި ނުވާތީ އެކަމާ ގުޅުވައި މޫސާ މިއަދު އެކްސްގައި ވިދާޅުވީ، ގާނޫނުއަސާސީގައި އޮންނަނީ އެއްވެސް ފަރާތެއްގެ ހުއްދައެއް ނެގުމަކާ ނުލާ މިނިވަންކަމާ އެކު އެއްވެ އުޅެވޭނެ ކަމަށް ކަމަށެވެ.

ނަމަވެސް، މިއަދު އަޑުއިވިގެންދަނީ ރޯދަމަހު އެމްޑީޕީން ފެށި މަގުމަތީ ހަރަކާތް ކުރިއަށް ގެންދަން ޕާޓީގެ ވެރިން ހުއްދަ ނުދީގެން އެ އެއްވުންތައް ކުރިއަށް ނުގެންދެވިގެން އުޅޭ ވާހަކަ ކަމަށެވެ.

އަދި އެމްޑީޕީން މަގުމަތީ ހަރަކާތް ހިންގަން ބޭނުންވީމާ ޕާޓީގެ ވެރިންގެ ހުއްދަ ނަގަންޖެހުމަކީ އެ ޕާޓީއާ ނުވައްތަރު ކަމެއްކަމަށް ވެސް މޫސަ ވަނީ ވިދާޅުވެފައެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީން ފެށި މަގުމަތީ ހަރަކާތްތައް އަލުން ނުފެށިވާ ސަބަބެއް އެ ޕާޓީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!