ވެބުން އޮރިޔާން ބަލަން އުޅެނިކޮށް ބޭންކް އެކައުންޓް ދޮވެލައިފި
ދެންމެ | 02 އޮކްޓޯބަރ 2022

މީގެ އިތުރުން ޕްރޮމޯޝަނަކުން ހޮވިއްޖެ ކަމަށް ބުނެ ނުވަތަ ފްލެޓް ލިބިއްޖެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަކީ އެވެރިން ބޭނުންކުރާ އާންމު އުކުޅެކެެވެ. ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ”ހޯހޯ“ ގޮވަގޮވައި ތިއްބާ އެތައްބަޔަކު އެމަޅީގައި ޖެހި އެތައް ބަޔަކަށް އެލަނޑު ލިބިއްޖެއެވެ. ހިތާމައަކީ ވަރަށް ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން ވެސް އެ މަޅީގައި ޖެހުމުންދާކަމެެވެ.

ދާދިފަހުން ރިސޯޓެއްގައި މަސައްކަތް ކުރާ ރައްޓެއްސަކަށް ދިމާވި ހާދިސާއެއް މިފަހަރު ހިއްސާ ކޮށްލާނަމެވެ. މާލެ އަތޮޅު ރިސޯޓެއްގައި ރޫމް ބޯއީއެއްގެ ގޮތުގައި މަސައްކަތްކުރާ އެ މީހާއަށް ސްނެޕްޗެޓުން އައީ ސަރުކާރުގެ ވަޒީރެއްގެ ބަރަހާނާ ފޮޓޯތަކެއް ކަމަށް ބުނާ ލިންކެކެެވެ. އަދި އެ ފޮޓޯތަށް ބަލަން ބޭނުންވާނަމަ އެ ލިންކަށް ވަނުމަށް އެ މެސެޖްގައި ޖަހާފައި ވެއެވެ.

އަޅުގަނޑުގެ ރަހުމަތްތެރިޔާ އެކަމަށް ކެއްމަދުވެ ބަލާކަށް ނުހުރެ އެއްކަލަ ބަރަހަނާ ފޮޓޯތައް ބަލާހިތުން އަވަސް އަވަހަށް އެ ލިންކަށް ފިތާލިއެވެ. އެ ލިންކަށް ވަނުމުން އެކްސެސްވުމަށް ބުނުމުން ”އެކްސެޕްޓް“ ވެސް ކުރީއެވެ. އެހެން ނަމަވެސް ހީކުރި ގޮތާއި ޚިލާފަށް އެއްވެސް ”ބަރަހަނާ“ ފޮޓޯއެއް ނުފެނުނެެވެ.

އޭގެ އަނެއް ދުވަހަކީ މަހު މުސާރަ ލިބުނު ދުވަހެެވެ. މުސާރަ ލިބުމާއެކު އެ ރަށްޓެހި މީހާ އިންޓަނެޓް ބޭންކިންއަށް ވަދެ ބެލިއިރު އަސްތާ ކަމަކު ދާކަށް ނެތެވެ. އެކައުންޓްގައި ހުރި 14350 ރުފިޔާ އެހެން އެކައުންޓަކަށް ޖަމާކޮށް މުޅި އެކައުންޓް ވަނީ ދޮވެލައިފައެެވެ. ރަހުމަތްތެރިޔާއަށް ކަންވީގޮތް ރޭކާލީ ދެނެވެެ.

ބަރަހަނާ ފޮޓޯ ބަލަން ލިންކަށް ވަނުމުން ވަގުންނަށް ޖީމެއިލަށް އެކްސެސްވެވުނީއެވެެ. ޖީއެމްއިލްއަށް ވަދެ އިންޓަނެޓް ބޭންކިން އެކައުންޓްގައި ހުރި ލާރިކޮޅު އެހެން އެކައުންޓަކަށް ޓްރާންސްފާރ ކޮށްލީކަން އެނގުމުން ވަގުތުން ބޭންކަށް ގުޅައި ރިޕޯޓްކުރިއެވެ. އޭގެފަހުން މައްސަލަ ފުލުހަށް ވެސް ހުށައެޅިއެވެ. ފުލުހުން ތަހުގީގު ކުރި ނަަމަވެސް ގިނަ ފަހަރު އެކަމުގެ އަޑީގައި ތިބޭ ބަޔަކު ނުހޯދެއެވެ.

ސްކޭމް ކޯލެއް ބޭންކަށް ރިޕޯޓްކުރި ފަރާތުން ގުޅައިފިނަމަ ބޭންކުން ފައިސާ ޖަމާވި އެކައުންޓުގެ ވެރިފަރާތާއި ކޮންފަރެންސް ކޯލުކޮށް ގުޅައިދެއެވެ. އަދި އެ މައްސަލަ ރިޕޯޓްކުރި ފަރާތަށް ފައިސާ ޖަމާވެފައި ހުރި އެކައުންޓުތަކާއި ވެރިފަރާތްތަކުގެ ނަން ބުނެދެއެވެ. އެހެން ނަމަވެސް ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެ އެ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ދޭން ބޭންކުން ދެކޮޅު ހަދައެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ބަލަމުންދާ ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ބޭންކުން ލިބޭ މައުލޫމާތުތަކުން ފުލުހުންގެ ތަހުގީގަށް ބައެއް ކުރިއެެރުންތައް ލިބޭ ކަމަށެވެ. އެގޮތުން ވަގު ފައިސާ ޖަމާވި އެކައުންޓުގެ ވެރިފަރާތާއި އެ ފައިސާ މުއާމަލާތް ކުރި ފަރާތްތަކުގެ މައުލޫމާތު ލިބުމުން ތަހުގީގަށް ފަސޭހަވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދައި ސްކޭމް ހިންގުން ރާއްޖޭގައި އާންމުވެފައިވާއިރު ތިމާގެ އަމިއްލަ އެކައުންޓަށް ޖަމާވާ ފައިސާ އަކީ ކާކު ކޮންތާކުން ހޯދާ ފައިސާ ކަން އެކައުންޓުގެ ވެރި ފަރާތަށް އެނގެންޖެހެއެެވެެ. އެ ފައިސާ ނަގައި ރައްދު ކުރެވެނީ ކާކަށްތޯ ކަށަވަރު ކުރުމަކީ އެކައުންޓުގެ ވެރިފަރާތުގެ ޒިންމާއެކެެވެ.

ސްކޭމް ކޯލެއްގެ ފައިސާ ތިމާގެ އަމިއްލަ އެކައުންޓަށް ޖަމާވެއްޖެނަމަ އެފައިސާ އެ ފަރާތަށް އަނބުރާ ދެއްކުމުން ނުވަތަ އެ ސްކޭމް ހިންގުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ނިއްމުމާއި ހަމަޔަށް އެ އެކައުންޓުން ފައިސާ ނެގުމާއި ފައިސާ ޖަމާކުރުން ފަދަ އެއްވެސް މުއާމަލާތެއް ނުކުރެވޭނެއެެވެ. އެއީ ސްކޭމް ކޯލެއްގެ ރިޕޯޓް ބޭންކަށް ލިބޭ ހިސާބުން އެ ފައިސާ ޖަމާވި އެކައުންޓް، އިން އެކްޓިވް ނުވަތަ އެ އެކައުންޓުން މުއާމަލާތް ނުކުރެވޭނެ ގޮތް ހަދާތީއެެވެ.

އެގޮތުން ތިމާ ދަންނަ ރަހުމަތްތެރިއަކަށް ވެގެން ގުޅާ، ސްކޭމްތަކުގެ ފައިސާ ޖަމާކުރުމުން އެކަން ނޭނގިތިބެ އެ ފައިސާ ނަގައި ޖަމާކުރި ކަމަށްބުނާ މީހާއާ ހަވާލުކޮށްގެން އެތައް ބައެއްގެ އެކައުންޓް އިން އެކްޓިވް ކޮށްފައި ހުރުމުން އެ އުނދަގުލާއި އެމީހުންނާއި ވަނީ ކުރިމަތިލާންޖެހިފައެވެ.

ރައްޓެސަކު ބުނި ނަމަވެސް ތިމާ އަމިއްލަ ކޭޝް ކާޑާއި ޕިން ނަމްބަރު ފަދަ މައުލޫމާތު ނުދޭށެެވެ. އެހެން ނޫނީ އާޚިރުގައި ތިމާއަށް ލަނޑެއް ލިބުމަކީ ދުރުގައިވާ ކަމެއް ނޫނެެވެ. އުމުރު ދުވަހު ބުރަ މަސައްކަތުން ހޯދާފައި ހުރި ފައިސާކޮޅު ގެއްލިގެންދަނީ ތިމާގެ ފަރުވާ ކުޑަކަމުން ކޮށްލެވޭ ކުޑަ ކަމެއްގެ ސަބަބުންނެެވެ.

އެހެން ވިޔަ ނުދެއްވާށެެވެ. މިފަދަ ކަންކަން ހުއްޓުވައި ވަގުންނަށް ހުރި ދޮރުތައް ބަންދުކުރުމަށް މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ ދުނިޔެއަށް ފިސާރި ރަނގަޅަށް ލޯ ހުޅުވެން އެބަޖެހެއެެވެ. ނުދަންނަ މީހަކު ގުޅާފައި ފްލެޓެއް ނުވަތަ އެހެން އެއްޗެއް ވެސް ލިބިއްޖެ ކަމަށް ބުނުމާއެކު ބެންކް ޑީޓެއިލްސްއާ އެފަދަ އެހެން މައުލޫމާތުތައް ނުދޭން އަޒުމު ކަނޑައަޅާށެވެ. ދުނިޔޭގެ އެދުންވެރިކަން ކިތަންމެ ބޮޑުވިނަމަވެސް މީހަކު ހަމަ ފޮނުވާހާ ލިންކުތަކަށް ވަދެ ފިތާ ނުހަދާށެވެ. އެހެންނޫނީ ބޮޑު ކޮޅު ކެއްސެއް ލިބުމަކީ ދުރުގައިވާ ކަމެއް ނޫނެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!