ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ.
ތުރުކީގެ ނޫހެއް ކަމަށްވާ އަނަދޯލު އެޖެންސީން އެ ގައުމުގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން އެ އުޅަނދު ރާއްޖެއަށް ހަދިޔާ ކުރަނީ ކަނޑުގެ ދިފާއީ ވަސީލަތްތައް ހަރުދަނާ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ދަތުރު ކުރެއްވީ ތުރުކީއަށެވެ. އަދި އެ ދަތުރުފުޅުގައި އަސްކަރީ ގިނަ މަޝްވަރާތަކެއް ކޮށްފައިވާއިރު، އެ ގައުމުގެ އަސްކަރީ ޑްރޯންތަކެއް ވެސް ރާއްޖޭން ވަނީ ގަނެފަ އެވެ.
ތުރުކީވިލާތުގެ ދިފާއީ މިނިސްޓްރީގެ އޮފިޝަލުން އަނަދޯލު އެޖެންސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއިކުރި އަސްކަރީ އެއްބަސްވުމުގެ މަގުސަދަކީ ވަސީލަތްތަކާއި ތަމްރީނުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރު ކުރުމެވެ.
ރާއްޖެއަށް އެ މަނަވަރު ހަދިޔާކުރުމުގެ ކުރިން އިސްތަންބޫލް ނޭވަލް ޝިޕްޔާޑެއްގައި އެ މަނަވަރުގެ މަރާމާތުތައް ކުރާނެ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ. އަދި އެ އުޅަނދު ތުރުކީން ގެނެސް ރާއްޖެއާ ހަވާލުކުރުމުގެ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅޭގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެ މަނަވަރު ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމީ ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ކަމަށެވެ. އަދި އެ މަނަވަރާއެކު އެ މަނަވަރު އޮޕަރޭޓްކުރާނެ ދިވެހި ސިފައިންނަށް ވެސް ތަމްރީން ލިބިގެންދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ އުޅަނދުގައި ހަރަކާތްތެރިވާނެ ދިވެހި ސިފައިންނަށް ދޭ ތަމްރީނު މި މަހުގެ ހަތް ވަނަ ދުވަހު ފަށާފައިވާ ކަމަށާއި އެ ތަމްރީނުތައް އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ނިންމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ތުރުކީގެ ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މީގެ އިތުރުން އުޅަނދު ރާއްޖެއަށް ގެނައުމަށްފަހު، ތުރުކީގެ ކަނޑުގެ ސިފައިން ދެ ހަފްތާގެ އެޑްވާންސްޑް އޮޕަރޭޝަނަލް ތަމްރީނެއް ރާއްޖޭގައި ހިންގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޓީސީޖީ ވޮލްކަން (ޕީ-343) ތުރުކީގެ ކަނޑުގެ ސިފައިން ހިދުމަތަށް ނެރުނީ 1981 ވަނަ އަހަރު އެވެ. އަދި 2024 ގައި މި އުޅަނދު ވަނީ ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި އަލުން ގިންތިކޮށްފަ އެވެ.
ޑޯގަން-ކްލާސްގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިންނެވެ. އެ އުޅަނދުތަކަކީ 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި އުޅަނދުތަކެކެވެ. ހާއްސަކޮށް މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާ އެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކެވެ.