2007ގެ ފަހުން އުފަންވީ އެންމެނަށް ނޮވެންބަރު އެކަކުން ފެށިގެން ދުންފަތް މަނާ ކުރަން ކެބިނެޓުން ނިންމައިފި
ދެންމެ | 13 އޭޕްރިލް 2025

ޖަނަވަރީ1, 2007 އިން ފެށިގެން އުފަންވެފައިވާ / އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް “ޖެނެރޭޝަނަލް ބޭން” އެއް ތަންފީޒުކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީސް މިއަދު އެއްވީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުމަށް، “ޖެނެރޭޝަނަލް ބޭން” ކަނޑައެޅުއްވުމާމެދު ގޮތެއް ނިންމެވުމަށެވެ.

ކެބިނެޓްގެ ނިންމުން ދެންމެ ވަނީ ހާމަކޮށްފަ އެވެ. އެ ނިންމުމުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް “ޖެނެރޭޝަނަލް ބޭން” އެއް ތަންފީޒުކުރަން ނިންމާފައިވާ ކަމަށެވެ.

އަދި މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމާއި މިގޮތުން މި ޤާނޫނަށް އިޞްލާޙު ގެނެސް ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، ނޮވެންބަރު 1، 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން، ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން މިނިސްޓްރީ އޮފް ހެލްތަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!