ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ބޯޑަށް އާ މެމްބަރަކު އައްޔަންކޮށްފިއެވެ.
ޕީސީބީން ބުނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް އައްޔަންކުރީ މ. ބްލޫނައިލް، އިބްރާހިމް ތައާމު މުހައްމަދުކަމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިއަދުކަމަށް ޕީސީބީން ބުނެެއެވެ.
ތައާމަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.
އެޗްޑީސީ ގެ ޑިރެކްޓަރުންގެ ބޯޑަށް ތައާމު މި އައްޔަންކުރިއިރު އެ ބޯޑުގެ މެމްބަރުކަމުގައި ހުރި މުހައްމަދު ވަހީދު ވަނީ މިމަހުގެ 6 ބަނދުވަހު މަގާމުން ވަކިކޮށްފައެވެ.
ވަހީދަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރީ މައްސަލައިގައި، ބޯޑުން ސަސްޕެންޑުކޮށް، ޕާސްޕޯޓު ހިފެހެއްޓި އެކަކެވެ.
އެހެންނަމަވެސް އެ މައްސަލާގައި ޕާސްޕޯޓް ހިފެހެއްޓި އެންމެންގެ ޕާސްޕޯޓްތައް މިހާރު ފުލުހުން ވަނީ ދޫކޮށްލާފައެވެ.
ވެމްކޯއާއި ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރެއްވި ވަހީދު އެޗްޑީސީ ބޯޑަށް އައްޔަންކުރީ މި ސަރުކާރު ވެރިކަމާއި ހަވާލުވެ 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.