އިސްރާއީލު ޕާސްޕޯޓު މަނާކުރުމާއި ގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާޢެކު ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން އެކަމަށް ލިބި، އެތައް ބަޔަކު ދިވެހި ސަރުކާރުގެ ނިންމެވުމަށް ތަޢުރީފު ކުރަން ފަށައިފިއެވެ.
އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރެއްވުމާއެކު ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް އެތެރެއެއް ނުވެވޭނެއެވެ.
އިސްރާއިލު ޕާސްޕޯޓު މަނާކުރުމަށް ނިންމި ނިންމެވުން ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރުމާއި ގުޅިގެން ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަން ވަނީ ރާއްޖެއަށް ހުއްޓިފައެވެ. އޭގެތެރޭގައި އަލްޖަޒީރާ، ރަޝިޔާގެ އާރުޓީ ނިޢުސްއާއި އަދި އެހެނިހެން ބޮޑެތި މީޑިއާތައް ހިމެނެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުގެ އިތުރުން ސޯޝަލް މީޑިއާގައިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ފަރާތްތަކުން މިހާރު ދަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ނިންމި ނިންމުން ފާހަގަކޮށް، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ ސަރުކާރާއި ދިވެހި ރައްޔިތުންނަށް ތައުރީފްގެ މެސެޖުތަކާއި ޝުއޫރުތައް ފޮނުވަމުންނެވެ.
ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ފަރާތްތަކުން ފާހަގަކުރި ގޮތުގައި ފަލަސްޠީނު ރައްޔިތުންގެ ހައްގުގައި ކުރާ. މަސައްކަތުގައި ރާއްޖެއަކީ ދުނިޔެއަށް ނަމޫނާއެކެވެ. އަދި މިއީ ހިތްވަރުގަދަ ނިންމުމެއްކަން ފާހަގަކޮށް، އެހެން ގައުމުތަކުންވެސް އިސްރާއީލުފެ ޕާސްޕޯޓް މަނާކުރުމަށް ސޯޝަލް މީޑިޔާ ޝުއޫރު ފާޅުކުރި ފަރާތްތަކުން ގޮވާލާފައިވެއެވެ.
ސޯޝަލް މީޑިޔާ ޝުއޫރު ފާޅުކުރި ގިނަ ދިވެހިން ބުނެފައި ވަނީ ދިވެހި ސަރުކާރުގެ ނިންމެވުމާމެދު ފަހުރުވެރިވާ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރައްވާ މަސައްކަތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުރީފްކުރަމުންދާއިރު، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ކެނޑިނޭޅި އަޑު އުފުއްލަވައި، ވަކާލާތުކުރައްވަމުންނެެވެ. އެގޮތުން އެމަނިކުފާނު މިހާތަނަށް ބައިވެރިވެވަޑައިގެންނެވި ބައިނަލްއަގުވާމީ ހުރިހާ ހަރަކާތެއްގައިވެސް ވަނީ އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ކުއްވެރިކުރައްވައި، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޑު އުފުއްލަވާފައެވެ. މީގެއިތުރުން ބައިނަލްއަގުވާމީ ކޯޓުތަކަށް އިސްރާއީލާ ދެކޮޅަށް ހުށަހަޅާ މައްސަލަތަކުގައިވެސް ރައީސް މުއިއްޒުގެ ސަރުކާރުންވެސް ދަނީ ބައިވެރިވެ، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ.