މަސްވެރިކަމުން ރުފިޔާ ނުލިބޭތީ ދޯނިން ފޭބި ޒުވާނުން އަނބުރާ މަސްވެރިކަމުގެ ސިނާޢަތަށް އައުން އެއީ ވަރަށް ބޮޑު އުއްމީދެއް ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާ ގާތުން އެކި މައްސަލަތަކާއި، ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސް ގެނެސްދެއްވާ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގައި މަސްވެރިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ތިބި ބިދޭސީންގެ ބަދަލުގައި ދިވެހި ޒުވާނުން ދޯނިތަކަށް އެރުމަށް ބޭނުންވާ ކަމަށެވެ. އަދި ޤަވައިދުން ރުފިޔާ ދޭން ފެށުމުން، ރުފިޔާ ނުލިބިގެން ދޯނިތަކުން ފޭބި ބައެއް ޒުވާނުން އެނބުރި ދޯނިތަކަށް އައިސްފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކުރީގައި މަސްވެރިކަމުގައި ފައިސާ ނުލިބޭތީ ދޯނިން ފޭބި އެތައް ބަޔަކު، ޒުވާނުން ހާއްސަކޮށް، އަނބުރާ ހިނގައްޖެ. އެހެން މަސައްކަތްތައް ފަށާފައި، އާންމުކޯށް މިހުންނަ ވަޒީފާތަކަށް ދާން ފެށި ބައެއް ޒުވާނުން މިހާރު އެބަދޭ. އެއީ އަޅުގަނޑު ބޭނުންވި ގޮތް،
ރައީސް
އަދާ ހަމައަށް ގާތްގަނޑަކަށް 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދެވިފައިވާކަން ފާހަކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މެދުކެނޑުމެއް ނެތި މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ރުފިޔާ ދެވިގެންދާނެ ކަމަށެވެ.
48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަންނަނީ މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުންނެވެ.