ކުޑަގިރީގެ މަސައްކަތްތައް ކުރިޔަށްދާގޮތް ނާއިބު ރައީސް ބައްލަވާލައްވައިފި
ދެންމެ | 15 ޖުލައި 2022
މާލެ ސަރަހައްދުގައި ސަރުކާރުން ތަރައްގީ ކުރަމުންދާ ޕިކްނިކް އައިލެންޑް، ކ. ކުޑަގިރީގެ މަސައްކަތްތައް ކުރިޔަށްދާގޮތް ނާއިބު ރައީސް ފައިޞަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ފަޅު ހިއްކައިގެން ހަދަމުންދާ އެ ރަށުގެ މަސައްކަތް ބައްލަވާލެއްވުމަށް ފައިޞަލް ނަސީމް އެ ރަށަށް ކުރެއްވި ޒިޔާރަތުގައި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު ޢަލީ ނިޔާޒު، އެޗްޑީސީގެ އެމްޑީ ސުޙައިލް އަދި ސްޓެލްކޯގެ އެމްޑީ އަޙްމަދު ޝަރީފް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ޒިޔާރަތުގައި ނާއިބު ރައީސް ވަނީ، އެ ރަށުގައި ސަރުކާރުގެ ކުންފުނިތަކުން ބަހާލައިގެން ހަދަމުންދާ އެކި ތަންތަން ބައްލަވާލައްވާފައެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަސައްކަތަށް ގާތްގަނޑަކަށް 41.4 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. އަދި 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ހިމެނެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޕިކްނިކް އައިލޭންޑުގެ އިތުރުން އެރަށް ކައިރިން ފިނޮޅެއްވެސް ހަދަން ވަނީ ނިންމާފައެވެ. އެއީ 1.5 ހެކްޓަރުގެ ރަށެކެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މާލެ ސަރަހައްދުގައި ރަށެއް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސަރުކާރުން މަސައްކަތްކުރަމުންދަނީ އަންނަ މިނިވަން ދުވަހަށް އެ ރަށް ބޭނުންކުރަން ފެށޭވަރުކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!