ކާޅު ގިނަވެ އައްޑޫގައި ދޮންދީނިއަށް ނުރައްކާވާ ހިސާބަށް ކަންތައް ދިއުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޒަމާނުއްސުރެން ދޮންދީނިއަށް ހާއްސަ އަތޮޅެއްގެ ގޮތުގައި އައްޑޫ ފާހަގަ ކުރެވޭއިރު ފަހަކަށް އައިސް ކާޅުގެ އާބާދީ އިތުރުވެ އައްޑޫގެ ރައްޔިތުންނަށް ދަނީ އުނދަގުލާ ކުރިމަތިވަމުންނެވެ. މިކަމާ ގުޅިގެން އައްޑޫ ނޭޗާ ޕާކުންވެސް މިވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަން މިހާރު ސީރިއަސް މައްސަލަ އަކަށް ދިޔައީ ކާޅު ގިނަވެ އައްޑޫގައި ދިރިއުޅޭ ދޮންދީނިއަށް ގެއްލުންދޭ މިންވަރު އިތުރުވުމުންނެވެ. އެގޮތުން ނޭޗާ ޕާކުން އާންމުކުރި ވީޑިއޯ މެސެޖެއްގައި ހިމާޔަތްކޮށްފައިވާ ދޮންދީނި އަށް އޮތް ނުރައްކަލުގެ ވާހަކަތައް ހިއްސާކޮށްފައިވެ އެވެ.
ނޭޗާ ޕާކުގެ އެ މެސެޖުގައި އެތަނުގެ ސީނިއާ ޕާކް ވާޑެން ނަޖުދު ބުނީ އައްޑުއަށް ހާއްސަ ދޫންޏެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ދޮންދީނީގެ އާބާދީ އަށް ނުރައްކަލަށް ހުށަހެޅިދާނެ ކަންކަން އިތުރުވަމުންދާ ކަމަށެވެ. އެގޮތުން އައްޑޫގައި ބިޔަ ގަސްތައް ކަނޑަމުން ދިއުމާ ގުޅިގެން އެފަދަ ގަސްތައް މަދުވަމުން ދިއުމުގެ އިތުރުން މިހާރު އޮތް އެންމެ ބޮޑު ބިރަކީ އައްޑޫގައި ކާޅު އިތުރުވަމުން ދިއުން ކަމަށް އޭނަ ބުންޏެވެ.
ނަޖުދު ބުނީ އައްޑޫގެ ގަސްތައް ކެނޑުމާއި އައްޑޫގެ ވެއްޓަށް ތައާރަފުވެގެން އުޅޭ ކާޅުގެ ސަބަބުން ކުރިމަތިވާ ތުރާތަކަށް އަވަސް ހައްލެއް ހޯދައި ދޭން ޖެހޭ ކަމަށެވެ.