ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހިފަހައްޓައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެ އަށް ”ސިއްރުން“ އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު އިއްޔެ އަތުލައިގަނެފައިވާ ކަމަށެވެ. އެ ތަކެތި އަތުލައިގަތީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި، ވަގަށް އެތެރެ ކުރަނިކޮށް އަތުލައިގަތީ 130،155 ސިނގިރޭޓް ސްޓިކެވެ.
މިދިޔަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް މީހަކު ޑަސްބިން ކޮތަޅުތަކެއްގައި ސިނގިރޭޓް ކާޓަންތަކެއް ވަގަށް ނެރެނިކޮށް ވަނީ އަތުލައިގަނެފަ އެވެ. އެ މައްސަލާގައި ތުހުމަތު ވަނީ ފުލުހަކަށާއި ކުރިން ފުލުހަކަށް އުޅުނު މީހަކަށެވެ. އެ ދެ މީހުން ހައްޔަރުކުރުމަށް ފަހު، މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ކަސްޓަމްސް އިން އޭރު ބުނި ގޮތުގައި، އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރި އިރު އޭގެ ތެރެއިން ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލަ އަންނަނީ ބަލަމުންނެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހުގައިވާ ގޮތުން ބިޑި އަދި ސުއްޓާ ކަހަލަ ދުންފަތުގެ ބާވަތްތައް އަމިއްލައަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެ ނުކުރެވޭނެ އެވެ.