މިދިޔަ ބުދަ ދުވަހު މުލިއާގޭގައި މަޖިލިސް މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް މި އަހަރު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އާންމުންގެ ފެންނަ ނުފެންނަ ވޯޓާއި ރިޔާސީ އިންތިހާބު އެއްބުރުން ނިންމަން ބަދަލުކުރުމަށް މެމްބަރުންގެ އެއްބާރުލުން ދެއްވުމަށާއި މެމްބަރުން އެކަމަށް ތާއިދުކުރުމަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
މިއާއި އެކު ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއިދުކުރާ އެކްޓިވިސްޓުން ވަނީ ރިޔާސީ އިންތިހާބު އެއްބުރުން ނިންމުމަށް ސޯޝަލް މީޑިއާ ކެމްޕެއިންނެއްވެސް ފަށާފައެވެ.
މިކަމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއްބުރުން ރިޔާސީ އިންތިހާބު ނިންމަން ތާއިދުކުރައްވާކަމަށް ހާމަކުރައްވާފައެވެ. އަދި އެ އުސޫލަކީ ރަނގަޅު އުސޫލެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު އެއްބުރުން ނިންމަން ގާނޫނު އަސާސީ އިސްލާހުކުރި މަޖިލީހުގެ މެމްބަރު އިބްރާހިމް އިސްމާއިލްވެސް ވަނީ ތާއީދުކުރައްވާފައެވެ.
އިބްރާ ވިދާޅުވީ އެއްބުރުން ވޯޓްލާން ތާއީދުކަމަށެވެ. އެހެންނަމަވެސް ޕްރިފަރެންޝަލް ވޯޓިންގ ”އެންމެ ގިނަ ވޯޓް ހޯދާމީހާ ހޮވޭގޮތަކަށް“ ތާއީދުކުރި ނަމަވެސް (%50 އަށްވުރެ ދަށުން) ހޮވެން ތާއީދެއްނޫންކަމަށް އިބްރާ ވިދާޅުވިއެވެ. މީގެ އިތުރުން ރިޔާސީ ދައުރުގެ މުއްދަތު ބަދަލު ކުރަން ފެންނަކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމުގެ ވިސްނުން ރައީސް މުއިއްޒު ފުރަތަމަ ހާމަކުރެއްވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައެވެ.
އޭރު ރައީސް ވިދާޅުވެފައިވަނީ މިއީ އެޓަރނީ ޖެނެރަލާ ހަވާލުކޮށްގެން ދިރާސާ ކުރަމުންދާ ކަމެއް ކަމަށާއި ރައްޔިތުން އެގޮތަށް ދެކޭނަމަ 2028 ގެ އިންތިހާބު ކުރިއަށް ގެންދާނީ އެއްބުރަށް ކަމަށެވެ.
ރާއްޖޭގައި ރިޔާސީ އިންތިހާބު ބާއްވަން ފެށިފަހުން ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިފައެއް ނުވެއެވެ.
ހަތަރު އިންތިހާބުގައިވެސް ވެރިކަން ލިބުނީ ދެވަނަ ބުރަކަށް ގޮސް ކޯލިޝަން ހަދައިގެންނެވެ.