ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލައިގައި ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުނު ކަމަށާއި ޤާނޫނަށް ފުށުއަރާ ހިސާބުން ކޮންމެ މީހަކު ވިޔަސް އިސްތިސްނާ ނުވެ ފިޔަވަޅު އަޅާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިހުސާން މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ޝަމްއާނާއެކު މަސައްކަތްކުރެއްވި ދުވަސްވަރު ދެބޭފުޅުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.
”އެނގިވަޑައިގަންނަވާނެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އަޅުގަނޑުމެން ދެމީހުން މަސައްކަތް ކުރީ އެއްކޮށް، ވަރަށް ރަނގަޅަށް،“ އިހުސާން ވިދާޅުވިއެވެ.
އެހެންނަމަވެސް މިއަދުގެ ސަރުކާރުން ގާނޫނާ ޚިލާފުވާ ހިސާބުން އެއްވެސް މީހަކަށް އިސްތިސްނާއެއް ނުދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސާބިތުކަމާއެކު ދައްކަވަމުން ގެންދަވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
”އެހެންވީމަ ގާނޫނު އެ މީހަކާ ފުށުއަރާ ހިސާބުން އެ އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުގެ އިދާރާއަކުން އަޅާނެ. އެއީ އަޅުގަނޑު ވިޔަސް އިނގޭތޯ. އަދި މަނިކުފާނުމެން ވިޔަސް. އެއީ އެކަން އޮންނާނެ ގޮތް،“ އިހުސާން ވިދާޅުވިއެވެ.
ޝަމްއާން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އައި ކަމަށް ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި ޝަމްއާން މިހާރު ހުރީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައެވެ.
ޝަމްއާންގެ ވަކީލު ނޫރުއްސަލާމް ވިދާޅުވެފައިވަނީ މި މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބައިވެރިވުމެއް ނެތި ފުލުހުން ތަޙުޤީޤު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މުޙައްމަދު އަލްސަން އިސްމާއިލް، އިބްރާހިމް އަޙްމަދު، ހަސަން ސަހެޝާން އަދި އަހްމަދު ލައްސާނެވެ.
ފުލުހުން ވިދާޅުފައިވާ ގޮތުގައި ޝަމްއާންގެ ގެއިން ބައިމިލިއަނެއްހައި ރުފިޔާގެ ނަގުދު ފައިސާ ފެނިފައިވެއެވެ. އެ ފައިސާއަކީ ޝަމްއާންގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން މި މައްސަލައާ ގުޅިގެން ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރަކާ އެކު ހިފަހައްޓާފައެވެ.
ޝަމްއާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ ވަނީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށްފައެވެ. އަދި އެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙުމަދު ފަސީހު ވަނީ އައްޔަންކޮށްފައެވެ.