މުއިއްޒު ހޮވިއްޖެނަމަ ރައީސް ޔާމީން ސިޔާސީ ހަޔާތް ކަފުން ކުރާނެ: ނަސީދު
ދެންމެ | 12 އޯގަސްޓް 2023

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ޑރ. މުހައްމަދު މުއިއްޒަށް ދިނުމަކީ، މިހާރު ޖަލުގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބޭވަފާތެރިވުން ކަމަށް ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ލީޑްކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި އެ ކޯލިޝަންގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ގެއްލިގެން ދިޔައީ ތަންފީޒުކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމެއް އޮތުމުންނެވެ.

ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ނުވުމުން، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވެގެން ދިޔައީ، ޕީއެންސީގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވާ މާލޭގެ މޭޔަރު މުއިއްޒެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ރަސްމީ ކެމްޕެއިން ފަށާފައި ވާއިރު، ދަ ޑިމޮކްރެޓްސް އިން ބުރާސްފަތި ދުވަހު ގދ. ގައްދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ނަޝީދު ތުހުމަތު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ޔާމީން މިނިވަންކުރަން ބޭނުން ނުވާ ކަމަށެވެ.

”ރައީސް ޔާމީން ފަސް އަހަރު ޖަލުގައި ހުންނެވީ މިއަދު ޕީޕީއެމްގެ ލީޑާޝިޕްގައި އެ ތިއްބެވި އެތައް ބޭފުޅުންނެއް އެ ގޮތަށް އެކަން އޮތުމަށް އެދިވަޑައިގެން ތިއްބެވީމާ،“ ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި، ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ވުމުން، މުއިއްޒާއެކު ރިޔާސީ ކެމްޕެއިން ކުރަމުން ދިޔުން ނަޝީދު ސިފަކުރެއްވީ ބޭވަފާތެރިވުން ގޮތުގަ އެވެ.

އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށު ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމާ ހެދި ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު އެމަނިކުފާނުގެ ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ އަންގާރަ ދުވަހެވެ.

”ބޭވަފާތެރިކަން. ރައީސް ޔާމީނަށް ބޭވަފާވެރިވީމާ އަދި ދެން އުފެދިދާނެ ސަރުކާރެއްގައި ރައީސް ޔާމީނަށް އެއްވެސް ފަހި ފުރުސަތެއް ނެތިގެން ދިޔުމަށް މި ކަންކަން އެ މަގަށް ދާ ތަން ޕީޕީއެމްގެ އެތައް މެންބަރުންނަކަށް އެބަ ފެނޭ،“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ދެން އިޝާރާތް ކުރެއްވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތަށެވެ. ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތްވުމުގެ ސބަބުން އެ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރެއްވީ އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހުއާ އެވެ. އިންތިހާބު ކާމިޔާބު ކުރައްވައި، އެމްޑީޕީގެ ތާއީދާއި ބާރުވެރިކަން ރައީސް ސޯލިހު ހޯއްދަވައި، މި ފަހަރުގެ ރިޔާސީ ޕްރައިމަރީން ވެސް ނަޝީދު ބަލިކުރެއްވި އެވެ.

މެއި 6، 2021 ގައި ދިން ބޮމުގެ ހަމަލާއަށް ވެސް ނަޝީދު އިޝާރާތް ކުރެއްވި އެވެ.

”ޕީޕީއެމްގެ އެތައް މެންބަރުންނަށް އެބަ ފެނޭ، އަޅުގަނޑަށް ވީ ގޮތް، ބޮމަކާ ހިސާބުން، އައިސް މިއަދާ ހަމައަށް. ދެން އުފެދޭ ސަރުކާރެއްގައި ޕީޕީއެމްގެ މެންބަރުންނަށް ވެސް ނޭދޭ ރައީސް ޔާމީނަށް ދެރަ ގޮތެއް ވާކަށް،“ އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީނުގެ ވެރިކަމުގައި ޖަލުން ނުކުމެ، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ފުރުސަތު ހޯއްދެވުނީ އެމްޑީޕީގެ މެމްބަރުން ކުރި ބުރަ މަސައްކަތުން ކަމަށާއި ޔާމީން މިނިވަން ކުރާނެ ގޮތް ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

”އަޅުގަނޑު ޕީޕީއެމްގެ މެންބަރުންނަށް ޔަގީންކޮށް އަރުވަން، މިއަދު ވެސް ރައީސް ޔާމީން ޖަލުން ނެރުމަށް، ހަގީގީ މަސައްކަތެއް ކޮށްދެވެން އޮތީ އަޅުގަނޑުމެންނަށް، ޕީޕީއެމަކަށް ނޫން، ޕީޕީއެމްގެ ލީޑަޝިޕުން އެ މަސައްކަތް ކޮށްދޭން ހުރި ނަމަ ރައީސް ޔާމީން ޖަލުގައި ނުހަންނަވާނެ،“ ނަޝީދު ވިދާޅުވި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ނަޝީދު 13 އަހަރަށް ޖަލަށްލީ އެ މަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި، ޓެރަރިޒަމް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެ ހުކުމް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައި ނުގަނެ، ނަޝީދު މިނިވަން ކުރަން ގޮވާލަމުން ދިޔަސް، މިނިވަނެއް ނުކުރެ އެވެ.

ޔާމީން ޖަލަށް ލާފައި ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ހިފާފައިވާ ކަމާއި އެ ފައިސާ ލޯންޑަކުރިކަމުގެ ކުށް ސާބިތުވުމުންނެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި 11 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރި އެވެ.

އެ ހުކުމް އިސްތިއުނާފުކޮށްފައިވާއިރު، އަޑުއެހުންތައް ވަނީ ހައިކޯޓުގައި ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!