ނުފޫޒެއް ނޯންނާނެ، ކުށްކުރި ފަރާތްތައް ހޯދާ ގާނޫނުގެ ތެރެއިން އަދަބު ލިބޭނެ: ރައީސް
ދެންމެ | 27 އޭޕްރިލް 2025

މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ހެންވޭރު ގުދަނެއްގެ ފުރާޅެއްގެ މައްޗަށް އަންހެނަކު ވެއްޓުނު މައްސަލަ ތަހުގީގަށް އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާ ބޭނުންފުޅުވަނީ ކުށްކުރި ފަރާތްތައް ހޯދާ ގާނޫނުގެ ތެރެއިން އަދަބު ލިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރީން ދެއްވި ބަސްދީގަތުމެއްގަ އެވެ.

އެމަނިކުފާނު ވިދާޅުވީ އިންސާފާއި ހަމަހަމަކަމާއެކު ކަންކަން ކުރުމާއި އިންސާފު ގާއިމު ކުރެެއްވުމަކީ އެންމެ އިސް ސިޔާސަތު ކަމަށެވެ. އަދި އެކަމުގައި އެއްވެސް މީހަކު ތަފާތު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސް މިއަދު ވެސް ވިދާޅުވީ ހިނގައިގެން ދިޔައީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އެ ކަމުގައި އެންމެ ފުރަތަމަ ވަގުތުން ފެށިގެން ބޭނުންފުޅުވެވަޑައިގަތީ އަދި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އިންސާފު ހޯއްދެވުމަށް ކަމަށެވެ.

“އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އަޅުގަނޑު ބޭނުންވަނީ ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއްވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދިނުމަށް،“

ރައީސް ވަނީ އެ މައްސަލަ ތަހުގީގު ކުރަން މިނިވަން ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާކަން ފާަހަގަ ކުރައްވާފަ އެވެ. އެ ކޮމިޝަނަށް ވަރަށް ގިނަ ބާރުތަކެއް ދެއްވާފައިވާ ކަމަށާ ވަރަށް އަވަހަށް ކަމުގެ ހަގީގަތް ހޯއްދެވޭނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

“ވަރަށް ގިނަ ބާރުތައް ދީފައިވާނީ. އެއްވެސް ހުރަހެއް ނޯންނާނެ ބަލަންޖެހޭ ކަންކަން ބެލުމުގައި. ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ،”

އެމަނިކުފާނު ތަކުރާރު ކުރައްވާ ވިދާޅުވީ އެެއްވެސް ކަމެއް ނުފޮރުވާނެ ކަމަށެވެ. އަދި ނުފޫޒު ނުފޯރުވޭނެ ކަމަށް ވިދާޅުވެ ހަމައެކަނި ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭނީ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!