ބޮޑު ތިލަދުންމަތީގައި ސަރަހައްދީ ބޭންކެއް ގާއިމް ކުރާނަން: އަމްރް
ދެންމެ | 05 ސެޕްޓެމްބަރ 2023

ދަ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ބޮޑުތިލަދުންމައްޗަށް ހާއްސަ އިންވެސްޓްމެންޓް ބޭންކެއް ގެންނާނެ ކަމަށް ދަ ޑިމޮކްރޭޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންގ މޭޓް ހުސެން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ހއ ދިއްދޫގައި ބޭއްވި ރެލީއެއްގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ މި ސަރަހައްދަށް ގެނެސްދޭ ތަރައްގީ ފުރިހަމަ ވެގެންދާނީ އެ ސަރަހައްދަށް ހާއްސަ ބޭންކެއް ގެނެވިގެން ކަމަށެވެ.

”ބޮޑު ތިލަދުންމަތީގެ ތަރައްގީ އެކޮށް ފުރިހަމަވާނީ ތަރައްގީގެ ބޭންކެއް އަތުވެގެން. އެ ތަރައްގީގެ ބޭންކަކީ ބޮޑުތިލަދުންމައްޗަށް ޚާއްސަ ބޭންކަކަށް ވެގެންދާނެ.“. އަމްރު ވިދާޅުވިއެވެ.

މިގޮތުން އަމްރު ވިދާޅުވިގޮތުގައި އެ ބޭންކް ވެގެންދާނީ ބޮޑުތިލަދުންމައްޗަށް އިންވެސްޓްކުރުމަށް އަންނަ ފަރާތްތަކަށް ލޯނު ދޫކުރާ ބޭންކަކަށެވެ.

އަމްރުގެ ވާހަކައައިގައި އޭނާ ވަނީ ދައުލަތުން ލޯނުގެ ގެރެންޓީ ދޭން ޖެހެނީ ހަމައެކަނި މަހުޖަނުން ރިޒޯޓް ހަދަން ނޫން ކަންވެސް ފާހަގަކުރައްވާފައެވެ.

އެކަން ބަދަލު ކުރައްވާނެ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެ ޕާޓީގެ ސަރުކާރެއްގައި ގެސްޓްހައުސް އެޅުމަށް ދައުލަތުން ގެރެންޓީ ދީގެން ލޯނު ދޫ ކުރާނެ ކަމަށެވެ.

އެ ޕާޓީގެ މައިގަނޑު އެއް ވައުދަކީ ފަރުދުންގެ ތަނަވަސް ކަން އިތުރުކުރުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!