ހުޅުމާލެ ސަހަރާތެރެއިން، ސިހުރު ދޮންކެޔޮ ވަކެއް ފެނިއްޖެ
ދެންމެ | 16 ޖުލައި 2022

ހުޅުމާލެ ސަހަރާތެރެއިން، ސިހުރު ލިޔެފަވާ ދޮންކެޔޮ ވަކެއް ފެނިއްޖެ އެވެ.

އެ ކެޔޮވަށް ފެނިފަވަނީ މިއަދު ހެނދުނު ސަހަރާ ސާފުކުރަން އުޅުނު މީހުންގެ ތެރެއިން މީހަކަށެވެ.

އޭނާއަށް އެ ކެޔޮވައް ފެނުނީ ސަހަރާ ފާރެއް ކައިރިން ކަމަށާއި، އޭތި ކުންޏާއިއެކު އުކާލީ ކަމަށް އޮންލައިން ނޫސް “ވަގުތު”އަށް މައުލޫމާތު ދިން އެމީހާ ބުނެފަވެ އެވެ.

އެ ކެޔޮވަކުގައި އަރަބި އަކުރުން ލިޔެފަވާ ކަލިމަތަކެއް ހުރިއިރު، އޭގައި އޮތީ ކީކޭކަން ނޭނގޭ ކަމަށް އޭނާ ބުނެފަވެ އެވެ. އަދި އޭތި އޮތީ ފާރުކައިރިއަށް ކުނި އުކާހެން އެއްލާލާފަ ކަމަށްވެސް އޭނާ ބުނެފަވެ އެވެ.

ސިހުރު ލިޔެފަކަމަށް ބުނެ ދައުރުވެފައިވާ އެ ކެޔޮވަކުގެ ފޮޓޯއިން ފެންނަ ގޮތުން އެއީ ނުނޮޅާ އޮތް ތާޒާ ކެޔޮވަކެކެވެ. އެތާ އެ ކެޔޮވަށް އޮންނަތާ މާގިނަ ދުވަސްތަކެއް ވާނެހެނެެއް ކެޔޮވައް އޮތް ތާޒާ ކަމަށް ބަލާއިރު ހިޔެއް ނުވެ އެވެ.

ސިހުރަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައިވާ ބޮޑު ފާފައެކެވެ. ސިހުރުގެ ސަބަބުން ބައެއް މީހުން ނިދިން މަހްރޫމުވެ އަނެއް ބަޔަކަށް ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން ވެރިވެ އެވެ.

ސިހުރު ހާހޫރަ ހަދާ މީހުން އެކަން ކުރަނީ އީމާންކަން ބަލިކަށިވުމުންނެވެ. ތިމާގެ ކިބައިގައި ނެތް ކުޅަދާނަކަމެއް ހޯދުމުގެ މަޤްސަދުގައެވެ. ނަމަވެސް އެފަދަ މީހުންނަށް ވިސަނައިނުގަނެވޭ ކަމަކީ އެއީ، ދާއިމީ ގޮތެއްގައި ލިބޭ ކުޅަދާނަ ކަމެއް ނޫންކަމެވެ. އެކަމުގެ ނުރައްކަލަކީ، ސިހުރު ހަދާ މީހާ މާތް ﷲ އަށް އުރެދި، ޝައިޠާނާގެ އަމުރުތަކަށް ކިޔަމަންވާން ޖެހުމެވެ. އެކުޅަދާނަކަން ހޯދޭނީ ޝައިޠާނާ މެދުވެރިކޮށް ކަމަށްވާތީ، ދީނުން ބޭރުވާ ކަންކަން ކުރުމަށް ސިހުރު ހަދާ މީހާ އަށް ޝައިޠާނާ އަމުރުކުރެ އެވެ. އެ އަމުރުތަކަށް ކިޔަމަންވުމުން ނޫނީ ޝައިޠާނާގެ ވާގިވެރިކަމެއް ނުލިބެ އެވެ.

ސިޙުރު ހެދުމަކީ ޝައިޠާނީ އަމަލެކެވެ. ޝިރުކު ކޮށްގެންނާއި ހުތުރު ރޫހުތަކާ ގާތް ގުޅުމެއް އުފައްދައިގެން އެ ތަކެތީގެ ބަހަށް ހެއްލިގެން މެނުވީ އެކަމެއް ނުކުރެވެ އެވެ. ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. ”އެހެނެއްކަމަކު، އެޝައިޠާނުން ކާފިރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައި ދިނުމުންނެވެ.“

ގުޅުންހުރި ލިޔުންތައް