އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިން ހިދުމަތުން މިހާތަނަށް އާމްދަނީގެ ގޮތުގައި 7.2 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު 10:15 ހާއިރު ފެށުނު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މި ހިދުމަތުން ޓެކްސްގެ ގޮތުގައި 11.4 މިލިއަން ރުފިޔާ ވެސް މިހާތަނަށް ލިބިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، މިހާރުގެ ކެޕޭސިޓީއިން މި ހިދުމަތް ފުލްސްކޭލްގައި ކުރިއަށް ގެންދަން ދަތިތައް ހުރުމުން، މި ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެކަމަށް ހާއްސަ ޕޯޓެއް އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެ މަޝްރޫއު ހިންގާނީ ”މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓް“ ގެ ދަށުންކަމަށް ވެސް ވިދާޅުވިއެވެ.
ބަންކަރިން ހިދުމަތް އިފްތިތާހުކޮށްފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އަދި މި ހިދުމަތް ދިނުމަށް މައި އޮފީސް ގޮތުގައި ހއ. އުލިގަމުގައި ’އުތުރު އައިއެސްޕީއެސް ގޭޓް‘ ހުޅުވާފައި ވަނީ 18 ސެޕްޓެމްބަރު 2024 ގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ”މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓް“ ގެ ދަށުން އެކަމާއި ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު (ސީއޭއައި) ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) އާއިއެކު 9 ނޮވެމްބަރު 2024 ގައި ވަނީ ސޮއިކޮށްފައެވެ.