ޗިއާ ސީޑްގެ ނުރައްކާ އިނގޭތަ؟
ދެންމެ | 05 މެއި 2025

ހަށިގަނޑު ރީތިކުރަން ބޭނުންވާ ގިނަ ބައެއްގެ ސަމާލުކަން ލިބެމުންދާ ކާނާގެ ބާވަތްތަކުގެ ތެރޭގައި ޗިއާ ސީޑް ހިމެނެއެވެ. މިކަމަށްޓަކައި ޗިއާ އޮށްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވަރަށް މަޤްބޫލުވެފައިވެއެވެ. ޗިއާ ސީޑްއަކީ ފައިދާހުރި ތަކެތިން މުއްސަނދި އޮށެއްކަމާއި ދޭތެރޭ ޝައްކެއް ނެތެވެ. އެހެނަަސް، ޗިއާ ސީޑް ރަނގަޅު ގޮތުގައި ބޭނުންނުކޮށްފިނަމަ ލަނޑު ލިބޭކަން އެނގެނީ ކިތައް މީހުންނަށްބާއެވެ؟ އެކަމަކު، އެންމެ ފުރަތަމަ މި އޮށުން ލިއްބައިދޭ ފައިދާތަކަކީ ކޮބައިކަން ބަލަމާ ހެއްޔެވެ؟

 

ޗިއާ ސީޑްގެ ފައިދާތައް

ޗިއާ ސީޑްގައި ގިނަ ބާވަތްތަކެއްގެ ފައިދާހުރި މާއްދާތައް އެކުލެވިގެންވެއެވެ. މީގެ ތެރޭގައި އޯމެގާ 3 ފެޓީ އެސިޑް، ފައިބަރ، ޕްރޮޓީން، އެންޓިއޮކްސިޑެންޓްސް އަދި މިނަރަލްތައް ހިމެނެއެވެ. މި ހުރިހާ މާއްދާތަކަކީވެސް ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މާއްދާތަކެކެވެ. އަންހެން ހޯމޯން އުފައްދަން މުހިންމު މާއްދާއެއް ކަމަށްވާ ފައިޓޯއީސްޓްރޮޖެން އުފައްދަން ޗިއާ ސީޑްސްއަކީވެސް ރަނގަޅު އެއްޗެކެވެ. އެހެންކަމުން، މިއީ ޕީސީއޯއެސް ހުންނަ މީހުންވެސް ބޭނުންކުރަން ރަނގަޅު އޮށެކެވެ.

ޗިއާ ސީޑްގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުވެއެވެ. އޭގައި އެކުލެވޭ ފައިބަރގެ ސަބަބުން ބަނޑުހައިހޫނުކަން އެހާ ވަރަކަށް އިހުސާސް ނުވާނެއެވެ. މިއީ ހަށިގަނޑުގެ ބަރުދަން ދަށްކުރަން މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑު ފައިދާއެކެވެ.

 

ޗިއާ ސީޑް ބޭނުންކުރެވިދާނެ ގޮތްތައް

ޗިއާ ސީޑް ބޭނުންކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ސްމޫދީސްއާއި، މޭވާ ޖޫހާއި، ޔޯގަޓާއެކު ޗިއާ ސީޑް ބޭނުންކުރެވިދާނެއެވެ. ޗިއާ ސީޑް ފެނަށް އެޅުމުން ޖެލީ ކަހަލަ ގޮތަކަށް ބޯވާނެއެވެ.

 

ސަމާލުވާންވީ ކަންތައްތައް

ޗިއާ ސީޑް ބޭނުންކުރުމުގައި ބައެއް ކަންކަމަށް ސަމާލުވާން ޖެހެއެވެ. އެންމެ ފުރަތަމަ ކަމަކީ ޗިއާ ސީޑް މާ ގިނައިން ބޭނުން ނުކުރުމެވެ. ދުވާލަކު މީގެ 1-2 މޭޒުމަތީ ސަމުސާއިން ފުދޭނެއެވެ. މި އޮށްތައް ގިނައިން ބޭނުންކުރުމުން ހަޖަމްކުރުމުގެ ނިޒާމަށް ނުރައްކާވެދާނެއެވެ. އެއީ އެކަށޭނަ ވަރަކަށް މީގެ އޮށްތައް ފެނަށް ނާޅާ ބޭނުންކުރުމުން ޗިއާ ސީޑްތައް ކާތަކެތި އުފުލާ ހޮޅި ނުވަތަ ގޮހޮރުގައި ތާށިވުމުގެ ފުރުސަތު ބޮޑެވެ. މިފަދަ ބްލޮކޭޖެއް ކުރިމަތިވެއްޖެނަމަ ބޮޑުކަމުދިއުމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑެވެ. ވީމާ، ޗިއާ ސީޑް، ދިޔާ އެއްޗަކާއި އެއްނުކޮށް ބޭނުންކުރުމަކީ ސިއްހަތަށް ނުރައްކާތެރި ކަމެކެވެ. އޭގެ އޮށްތައް މަދުވެގެން 3 ގަޑިއިރު ވަންދެން ފެނުލުމަށްފަހު ބުއިމަށް ސަމާލުވާށެވެ.

ބައެއް ބޭސް ބޭނުންކުރާ ފަރާތްތަކުން ޗިއާ ސީޑް ބޭނުންކުރުމުގައި ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހެއެވެ. ޚާއްސަކޮށް ލޭ ދިޔާ ބޭސް ބޭނުންކުރާ ފަރާތްތަކުން ޗިއާ ސީޑް ބޭނުންކުރުން އެހާ އެދެވިގެނެއް ނޫނެވެ. ޗިއާ ސީޑްގައި ހިމެނޭ އޮމެގާ 3 މާއްދާ ގިނަކަމުން ލޭ ދިޔާ ކުރާ ބޭސް ބޭނުންކުރާ ފަރާތްތަކަށް ނޭދެވޭ ސައިޑް އިފެކްޓެއް ދިމާވުން އެކަށީގެންވެއެވެ. އަދި އެހެން ޞިއްޙީ މައްސަލައެއް ހުރިނަމަވެސް، ޗިއާ ސީޑް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!