ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރަން އެހީވާން ތައްޔާރު: ޔޫއޭއީ
ދެންމެ | 05 މެއި 2025
ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ޝައުގުވެރިކަން އެބަހުރިކަން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އުމް އަލް ގުވައިންގެ ޑެޕިއުޓީ ރޫލާ ޝައިހް އަބްދުﷲ ބިން ރާޝިދު އަލްމުއައްލާ ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ އުމް އަލް ޤުވައިންގެ ޑެޕިއުޓީ ރޫލާ ޝައިހް އަބްދުﷲ ބިން ރާޝިދު އަލްމުއްއްލާ، މިއަދު ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.

ޝައިހް އަބްދުﷲ ރާއްޖެ ވަޑައިގަތީ، ގަތަރުގެ ޝާހީ އާއިލާއާ ގުޅުންހުރި ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން މާލެ ސަރަހައްދުގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށެވެ.

މިއަދު ރައީސް އޮފީހުގައި ޝައިހް އަބްދުﷲ އާއި ޑރ މުއިއްޒު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުމް އަލް ގުވައިންގެ ޑެޕިއުޓީ ރޫލާ ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް، ރާއްޖޭގައި އިންވެސްޓް ކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މީގެއިތުރުން ރާއްޖޭގައި ފުޑް ސެކިއުރިޓީ އިތުރުކުރުމާއި، ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމާއި، ދަނޑުވެރިކަން ކުރިއަރުވައި، ދިގުމުއްދަތުގައި ހަމަޖެހުމާއި ތަރައްގީ ކަށަވަރުކުރުމަށް ބޭނުންވާ ބިނާރު ތަރައްގީކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުންދެއްވާނޭކަމަށްވެސް ޝައިހް އަބްދުﷲ ވިދާޅުވިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ޝައުޤުވެރިކަން އެބަހުރިކަން އެމަނިކުފާނު ހާމަކުރެއްވިކަމަށްވެސް ރައީސް އޮފީހުން ބުނެެއެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރާ ގުޅޭގޮތުން ވެވުނު އެއްބަސްވުމަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި ދެ ފަރާތުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެ ފަރާތުން އެކުގައި މަސައްކަތްކޮށް އެއްބާރުލުންދިނުން އިތުރުކުރުމުގެ ޢަޒުމުގައި ދެ ބޭފުޅުންވެސް ތިއްބެވިކަން ހާމަކުރައްވަމުންކަމަށް ރައީސް އޮފީހުން ބުނެެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!