ކޮންމެ ދުވަހަކު ވެސް ތައުބާއަށް އެދި ދުއާ ކުރަން ޖެހޭ!
ދެންމެ | 03 ސެޕްޓެމްބަރ 2023

މީސްތަކުންނޭވެ! ނިދީން ހޭލެވުމުން އަހުރެމެންނަށް ވިސްނޭނީ އެދުވަސް ފާއިތުވެގެން ހިނގައިދާނެ ކަމަށެވެ. އެފަދަ ކިތަންމެ ދުވަސްތަކެއް މާޒީވެގެންގޮސްފައިވުމުން އެދުވަސް ވަކިކަމަކަށް ޚާއްޞަވެގެން ހިނގައިދާނެކަމެއް ނުވިސްނޭނެއެވެ.

ދުނިޔެއަށް އައުދެވުނީންސުރެ ޢުމުރުގެ ގަޑި އެދަނީ ހުއްޓުމެއް ނެތި ހިނގަމުންނެވެ. ގަޑި ހުއްޓި ފަހުނޭވާ ދުނިޔެއަށް ދޫކުރަންޖެހޭނީ ކޮންވަޤުތަކު ކަމެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ މިއަދަކީ ތިބާގެ އެންމެ ފަހު ދުވަސް ކަމުގައިވެސް ވެދާނެއެވެ. ނުވާނެކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ.

ވީމާ ކޮންމެ ދުވަހަކުވެސް ދުވަސް ފަށަންވީ ކުރެވިފައިވާ ފާފަތަކަސް ތައުބާވަމުންނެވެ. ﷲ ތަޢާލާއަށް ޙަމްދުކުރަމުންނެވެ. މީހެއްގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމެއް ކުރެވިފައިވާނަމަ މާފަށް އެދުން ފަސްނުކުރާށެވެ.

ދިރިއުޅެން މަސައްކަތްވެސް ކުރަންވާނެއެވެ. އެހެންކަމާއިއެކުގައިވެސް އެންމެ މުހިންމު ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވެގެން އަބަދުވެސް ހުރުމެވެ. އެހެން މީހުންގެ ކިބައިން މާފު ހޯދައި ރުހުން ލިބިގެން ހުރުމެވެ.

މަރަށް ތައްޔާރުވެހުރުން ކިޔަނީ މިކަންކަން ކޮށްގެން ހުރުމަށެވެ. އެންމެ ބޮޑު ބުއްދިވެރިއަކީ ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެ ކަމަށް ވިސްނައި މަރަށް ތައްޔާރުވެގެން ހުންނަ މީހާއެވެ. މަރަށް ތައްޔާރުވުމަކީ މާފަހުން ކުރަން އޮތް ކަމެއް ކަމަށް ނުދެކި އެކަމަށް ޢަމަލުކުރަމުން ގެންދާ މީހާއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!