ރާއްޖެއައި ޗައިނާ ފަތުރުވެރިންގެ އަދަދު ލައްކައަކަށް އަރައިފި
ދެންމެ | 06 މެއި 2025

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޗައިނާ ފަތުރުވެރިންގެ އަދަދު ލައްކައަކާ ކައިރިވެއްޖެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޗައިނާއިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 96،610 ފަތުރުވެރިން އައިސްފައި ވެއެވެ. މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީވެސް ޗައިނާއިންނެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަށް ޗައިނާ ވާއިރު، އެ ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިޔާއެވެ. އެގޮތުން އެ ގައުމުން ރާއްޖެއަށް 90،904 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް 89،315 ފަތުރުވެރިން އައިސްފައި ވެއެވެ.

ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މެއި ހަތަރު ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޖުމްލަ 856،998 ފަތުރުވެރިން އައިސްފައި ވެެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، އަށެއް އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެ އަންނަަ ފަތުރުވެރިންގެ ތެރެއިން 70.7 އިންސައްތަ މީހުން ދަނީ ރިސޯޓްތަކަށެވެ. އަދި 23.8 އިންސައްތަ މީހުން ގެސްޓްހައުސްތަކަށް ދާއިރު، ހޮޓަލްތަކަށް ދަނީ 2.9 އިންސައްތަ މީހުންނެވެ.

ރާއްޖޭގެ ޖުމްލަ 175 ރިސޯޓެއް ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު، 827 ގެސްޓުހައުސް ހިންގަމުން އެބަދެއެވެ. އަދި 16 ހޮޓަލެއް އޮޕަރޭޝަނަަށް ގެނެސްފައިވާއިރު، ފަތުރުވެރިކަމުގެ ހިދުމަތްދޭ 158 ސަފާރީ އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!