ޕައްޓި ރައުދުގެ މުއްދަތު އަނެއްކާ ވެސް އިތުރު ކޮށްފި
ދެންމެ | 10 މެއި 2025

ޔުމްނު ރަޝީދު މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.

މިއީ 21 އަހަރުގެ ރައުދުގެ ބަންދު މުއްދަތު ޖެހި ތިންވަނަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން 15 ދުވަސް ބަންދަށް ޖަހާފައިވެއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައެވެ.

ޔުމްނު ވެއްޓުނު ރޭ އޭނާއާ އެކު އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދައިފައެވެ. އެމީހުންގެ ތެރޭގައި، ޓްރާންސް ޕޯޓު މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެއެވެ. ޔުމްނު މިހާރު ވަނީ އިތުރު ފަރުވާއަށް އާއިލާއިން މެލޭޝިއާއަށް ގެންގޮސްފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!