ލޯބީގެ ޖަޒުބާތަކީ އެއިގައި ޖެހެވުމުން ބުއްދިފިލައިދާ އެއްޗެކެވެ. އެހެންވެ މީހަކު ދެކެ ލޯބިވެވުމުން އޭނާ ގާތު އަހައިވެސް ނުލައި ފުރަތަމަ ކަމަކަށްވެސް ސިޙުރުވެރިންގެ ގާތަށް ގޮސް އެބަ ފަންޑިތަ ހައްދުވައެވެ. އަނެއް ލޯބި ހުށަހެޅުމުން އެކަން ޤަބޫލުނުކުރީމާ ޤަބޫލުކުރުވަން އެބަ ފަންޑިތަ ހައްދުވައެވެ.
މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެއްވެސް ކަމެއް ޙާޞިލުކުރަން ސިޙުރުވެރިންގެ ގާތަށް ގޮސް އެޙީތެރިކަންހޯދުމަކީ ދީނުން ބޭރުވާނެ ކަމެކެވެ. އެޙާލަތުގައި އޮތީ ދުޢާކުރުންކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ.
މުއުމިނުންނަށް ކޮންމެ ކަމެއް ބޮޑުވިކަމުގައިވީ ނަމަވެސް އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާއެވެ.
މާތް ﷲ ވަހީކުރައްވަނީ: (وَقَالَرَبُّكُمُادْعُونِيأَسْتَجِبْلَكُمْ )غافر: 60
މަނާއި: ”އަދި ތިޔަބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހް ވަޙީކުރައްވައެވެ. ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް ދުޢާކޮށް ދަންނަވާށެވެ، ތިމަން ﷲ އިޖާބަ ކޮށްދެއްވާނަމެވެ.“
އެހެންކަމުން ހިތްއެދޭ ކުއްޖަކު ހޯދުމަށްވެސް ކުރުމަށް އެންމެ ރަނގަޅު ކަމަކީ ގިނަގިނައިން ދުޢާކުރުމެވެ. މުއުމިނުން އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާ ﷲ ރައްދެއްނުކުރައްވާނެއެވެ. އެހެނީ މުއުމިނަކު ދުޢާ ކޮށްފިނަމަ ތިން ކަމުން ކުރެ އެއް ކަމެއް އެމީހަކަށް ދެއްވާނެއެވެ.
އެއް ގޮތަކީ ސީދާ އޭނާގެ ދުޢާ އިޖާބަ ކުރެއްވުމެވެ. އަނެއް ގޮތަކީ އެއަށްވުރެ ރަނގަޅު އެހެންގޮތެއް މެދުވެރި ކުރެއްވުމެވެ. ތިންވަނަ ގޮތަކީ އޭނައަށް ދިމާވާން އޮތް ބޮޑު މުޞީބާތަކުން ސަލާމަތްކޮށްދެއްވުމެވެ.
އެހެންކަމުން ފަންޑިތަހަދާ ބިދްޢަވެރިން ކައިރިޔަށް ދިޔުމަށްވުރެ ތިމާ އަމިއްލަ އަށް ބޭނުން ބަހަކުން ދުޢާ ކުރުން މޮޅުއިތުރުވެގެންވެ އެވެ. واللهأعلم
– ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް