އަފްޣާނިސްތާނުގައި ރާޒުވާ ކުޅުމުގެ ސަބަބުން ޖުވާ ކުޅުން އާއްމުވެދާނެ ކަމުގެ ބިރު އޮތުމުން ވަކި ގޮތެއް އަންގަންދެން އެ ގައުމުގައި ރާޒުވާ ކުޅުން ތާލިބާނުން މަނާކޮށްފިއެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަން މަނާކުރުމުގެ އިތުރުން އަފްޣާނިސްތާން ނޭޝަނަލް ޗެސް ފެޑެރޭޝަން (އޭއެންސީއެފް) ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.
މިނިސްޓްރީ ފޯ ދަ ޕްރޮޕެގޭޝަން އޮފް ވާޗު އެންޑް ދަ ޕްރިވެންޝަން އޮފް ވައިސްއިން މިކަން އިއުލާނުކޮށް ބުނެފައިވަނީ އެ ކުޅިވަރަކީ އިސްލާމީ ޝަރީއަތަށް ފެތޭ ކުޅިވަރެއްތޯ ބެލުމަށްފަހު ކުޅުން މަނާކޮށްފައިވާ ކަމަށެވެ.
ސްޕޯޓްސް ޑައިރެކްޓްރޭޓްގެ ތަރުޖަމާނު އަޓަލް މަޝްވާނީ ވިދާޅުވީ އިިސްލާމީ ޝަރީއަތުގައި ޗެސް އަކީ ޖުވާ ކުޅުމުގެ ވަައްތަރެއްގެ ގޮތުގައި ބެލެވޭ ކަމަށާއި އެއީ މިދިޔަ އަހަރު ނެރުނު ރީތި ސިފަތައް އާލާކުރުމުގެ ގާނޫނުގައި ވާގޮތުން މަނާ ކަމެއް ކަމަށެވެ.
”ރާޒުވާ ކުޅިވަރާ ގުޅޭ ގޮތުން ވިސްނަންޖެހޭ ދީނީ ކަންތައްތަކެއް އެބަހުރި،“ މަޝްވާނީ ވިދާޅުވިއެވެ.
އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަން (ފިޑޭ)ގެ ކުރީގެ ރައީސް ކިރްސާން އިލިއުމްޒްނިނޯވް ވިދާޅުވީ އަފްޣާނިސްތާނުގައި ރާޒުވާ މަނާކުރުން މުރާޖައާކުރުމަށް އެދި ތާލިބާނުންގެ ލީޑަޝިޕަށް ސިޓީއެއް ފޮނުވަން ޑްރާފްޓް ކޮށްފައިވާ ކަމަށެވެ.
މިއީ އަފްޣާނިސްތާނުގައި ޗެސް މަނާކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ތާލިބާނުން 1996 ވަނަ އަހަރު އެ ގައުމާއި ހަވާލުވުމާއެކު، އެ ޖަމާއަތުން އެ ކުޅިވަރު މަނާކުރި ނަމަވެސް 2001 ވަނަ އަހަރު ވެރިކަން ބަދަލުވުމާއެކު އެ ކުޅިވަރު ކުޅުމުގެ ފުރުސަތު އަލުން ލިބުނެވެ.