ގައުމު ބަގުރޫޓު ވިޔަސް، ރައީސް ނާޗަރަންގީ ބަލަން ދަނީ އަމިއްލަ ހަރަދުގައި: މިއުވާން
ދެންމެ | 05 ޑިސެމްބަރ 2022

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، އެމަނިކުފާނުގެ އަމިއްލަ ހަރަދުފުޅުގައި ޓިކެޓު ނަންގަވައިގެން ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ގަތަރަށް ވަޑައިގަތުމަށް ނިންމެވީ ގަތަރުގެ އަމީރު ޝެއިހް ތަމީމް އަލް ސާނީ ރައީސް ސޯލިހަށް ދެއްވި ދައުވަތަކަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ރައީސް ސޯލިހު މެޗެއް ބައްލަވާލެއްވުމަށް ގަތަރައް ވަޑައިގަންނަވާނެ ކަމަށް އިއުލާން ކުރެއްވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ، އެކަމަށް ފާޑުކިޔާފަ އެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މިއަދު ވިދާޅުވީ، ރައީސް ސޯލިހު ގަތަރަށް ވަޑައިގަތުމަށް ޓިކެޓު ނަންގަވާނީ އެމަނިކުފާނުގެ އަމިއްލަ ޖީބު ފުޅުން ކަމަށާއި، ދަތުރުގެ ހުރުމާއި ފަރިއްކޮޅު ހަމަޖައްސަވަނީ، ގަތަރު ސަރުކާރުން ކަމަށެވެ.

ރައީސް ގަތަރަށް ވަޑައިގަންނަވާނީ މުބާރާތުގެ ސެމީ ފައިނަލްގެ މެޗެއް ނުވަތަ ފައިނަލް މެޗް ބައްލަވާލެއްވުމަށް ކަމަށް މިއުވާން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ރައީސް ސޯލިހު ގަތަރަށް ފުރައިވަޑައިގަންނަވާނެ ތާރީހެއް އަދި ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ގަތަރުގެ އުރީދޫން ވަނީ ވޯލްޑް ކަޕުގެ މެޗެއް ބައްލާލެއްވުމަށް ގަތަރަށް ވަޑައިގަތުމަށް ރައީސަށް ކުރިން ދައުވަތު ދީފައި ކަން ފާހަގަ ކޮށްލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!