ހަޔާތުގެ ބައިވެރިޔާ ހައްދާލާނީ ކިހިނެއް!؟
ދެންމެ | 16 ޖުލައި 2022

މިހާރަކަށް އައިސް ދިރިއުޅުމުގައި އެންމެންވެސް ފެންނަނީ އަވަދިނެތި ބުރަކޮށްއުޅޭ މަންޒަރެވެ. ފޯނެއް ކޮށްލިއަސް މިވަގުތު ވަރަށް ބިޒީއޭ ބުނެލުމަށްފަހު ވާހަކަ ކުރުކޮށްލައެވެ. ދިރިއުޅުމުގައި ވަގުތަކީ ކޮންމެ މީހަކުވެސް ހޯދީމަ ލިބޭ އެއްޗެކެވެ. ވަގުތު ހުސްކުރުމުގެ މުހިންމުކަމާއި އެކަމުގެ ބުރަދަން ވިސްނާނަމަ ހަމަގައިމުވެސް އެކަން ކުރާނެއެވެ. ޚާއްސަކޮށް ތިމާގެ ބައިވެރިޔާއާއި އެކު ކޮންމެވެސް ވަގުތެއް ހުސްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ.

ދިރިއުޅުމުގައި ދިމާވާ އެކި އެކި މައްސަލަތަކާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްލުމާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ ކަންކަމާއި ދަރިން ތިބިނަމަ ދަރިންގެ ކަންކަމުގައި މަޝްވަރާ ކުރުންފަދަ މުހިންމު ކަންކަން ހުރެއެވެ. މިހުރިހާ ކަމެއް ފުންޏަކަށް ޖަހައިގެން ސިކުނޑިއަށް ބަރުކޮށްގެން އުޅެން ފަށައިފިނަމަ ތިމާގެ ”ސްޓްރެސް ލެވެލް“ މަތިވެ ރުޅި ގަދަވާކަހަލަ ކަންކަން ދިމާވެއެވެ. ތިމާގެ ބައިވެރިޔާ އަކީ ކިހާ މުހިންމު މީހެއް ކަމާއި އިސްކަންދޭންޖެހޭ މީހެއް ކަމުގައި ވިސްނާނީ ހަމަ ތިމާއެވެ. ދެމަރިފިން އެކުގައި ހޭދަކުރާ ވަގުތުގެ ސަބަބުން ތިމާގެ ހަޔާތަށް އިތުރު އުޖާލާކަމެއް ގެނެސްދެއެވެ. ދެމަފިރިން އެކުގައި ވަގުތު ހޭދަކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ނުކުތާތަކެއް މިލިޔުމުގައި ހިމަނާލާނަމެވެ.

ދިރިއުޅުމަށް އިތުރު އުފާވެރިކަމާއި އުޖާލާކަން ގެނެސްދިނުން

ކޮންމެ ދުވަހެއް ފެށުމާއެކު ހެނދުނުގެ ނާސްތާއަށް އިންސާފު ކުރުމުގައި ދެމަފިރިން އެކުގައި ކޮފީއެއް ބޯލައި ނުވަތަ ސައިބޯލުމަށް 10 ނުވަތަ 15 މިނިޓު ހޭދަކޮށްލުމުން ދުވަހުގެ ފެށުން ތާޒާވެފައި ހިތްހަމަޖެހުން ގެނެސްދެއެވެ. ދުވާލުގެ މަސައްކަތް ނިމުމަށްފަހު ރޭގަނޑު ކެއުމުގައި ދެމަފިރިން އެކުގައި ހޭދަކުރެވޭތޯ ބަލާށެވެ. ދަރިން ތިބިނަމަ އެކުގައި ކެއުމަށް ވަގުތު ނުދެވިއްޖެނަމަ ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން އެދުވަހެއްގައި ދިމާވި ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކާލުމާއި ނުވަތަ ދެމަފިރިންނަށް އުފާވެރި ހަމަހިމޭން ވަގުތުކޮޅެއް ދިނުމުން ހިތަށް ހިތްހަމަޖެހުން ލިބި ސިކުނޑި ތާޒާވެ ނިދުމަށް ފަސޭހަވެގެންދެއެވެ.

ދިރިއުޅުމުގައި ކަންކަން ހައްލުކުރަން ފަސޭހަވުން

ކަމެއްދިމާވެއްޖެނަމަ ނުވަތަ ދެމީހުންކުރެ މީހަކަށް ހިތްހަމަނުޖެހޭކަމެއް ކުރެވިއްޖެނަމަ ރުޅިމޫނު ދައްކައިގެން ތިބުމުގެ ބަދަލުގައި ވާހަކަދައްކައިގެން ހައްލުކުރަން ދަސްވެއެވެ. އަދި މިއާއިއެކު ދެމީހުން އެކަކު އަނެކަކަށް އޮންނަ އިތުބާރު ބޮޑުވެގެންދެއެވެ. ދޭތެރެޖައްސާ މީހުންގެ ވާހަކަތަކާއި ބޭކާރު ހިތް ޝައްކުތައް ފިލައިގޮސް އެކަކު އަނެކަކަށް ކުރާ އިތުބާރު ބޮޑުވެގެންދެއެވެ.

 

ގޭތެރޭގެ ކަންކަމުގައި އެކަކު އަނެކަކަށް އެހީވުން

ދެމަފިރިން އެކުގައި ވަކިތަނެއްގައި ދިރިއުޅޭނަމަ އަނބިމީހާއަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގޭތެރޭގެ ކަންކަމުގައި ފިރިމީހާ އެހީތެރިވެދިނުމުން އަނބިމީހާއަށް ފަސޭހަވެގެންދެއެވެ. އަނބިމީހާ އެކަނި ގޭތެރޭގެ ހުރިހާކަމެއް ކުރަންޖެހުމުން ބައެއްފަހަރު މާބޮޑަށް ވަރުބަލިވެ ރުޅިގަދަވާފަހަރުވެސް އާދެއެވެ. އަނބިމީހާ ކައްކާނަމަ ފިރިމީހާ ތަށިތައް ދޮވެދިނުންކަހަލަ ކަންކަންކޮށްލަދީ ނުވަތަ ގޭތެރެ ކުނިކަހާލަދިނުން ފަދަ ކަންކަން ކޮށްދިނުމުން ދެމީހުން އެކުގައި ވަގުތު ހޭދަކުރެވި އަދި ދެމީހުންނަށް ހުސްވަގުތު ހޯދަން ފަސޭހަވެގެންދެއެވެ.

ފައިސާގެ ކަންކަމުގައި ގޮތް ނިންމަން ފަސޭހަވުން

ބައެއްފަހަރު ފިރިމީހާ އެކަނި މަސައްކަތްކުރާނަމަ، އަނބިމީހާ ގޭގައިހުރެ އަމިއްލައަށް އާމްދަނީ ނުލިބުމުން މާޔޫސްވާފަހަރު އާދެއެވެ. މީގެ ބަދަލުގައި ގެއަށް ޚަރަދުކުރަން ވަކި ބަޖެޓެއް ކަނޑައަޅައި އަދި އަނބިމީހާއަށް ވަކި ބަޖެޓެއް ދިނުމާއި އެހެނިހެން ޚަރަދުތައް ކުރުމުގައި ދެމީހުން އެކުގައި މަޝްވަރާކޮށްގެން ކަންކަން ނިންމުން މުހިންމެވެ.

ދެމީހުން އެކަކު އަނެކަކަށް ވަގުތު ހުސްކުރާނީ ކިހިނެއް؟

ކުރިއަށް ރާވާ ވަގުތު ހޯދުމަށް ދެމީހުންނަށްވެސް ފަސޭހަވާނެ ދުވަހެއް ކަނޑައަޅާށެވެ. އެދުވަހެއްގެ މަސައްކަތްތައް ބަހާލުމަށްފަހު ދެމީހުން އެކުގައި ވަގުތު ހުސްކުރާށެވެ. ނުވަތަ އެދުވަހަކީ ޗުއްޓީ ދުވަހަކަށް ހަދާށެވެ. މަހަކު އެއްފަހަރު ނަމަވެސް އެވަގުތު ހޯދާށެވެ. އެކުގައި ބޭރަށްގޮސް ކެއުން ނުވަތަ ފިލްމަކަށް ގޮސްލުން ކަހަލަ އުފާވެރި ކަމެއް ކުރާށެވެ. ގޭގައި ކުދިން ބަލާނެ މީހަކު ނެތްނަމަ އިތުބާރު ހިފޭވަރުގެ މީހަކާ ކުދިން ހަވާލުކުރާށެވެ. ނުވަތަ ކޮންމެވެސް އެކެއްގެ މަންމައާއި ކުދިން ހަވާލުކުރާށެވެ. ދެމީހުން އެކުގައި ބޭރަށްގޮސް ހޭދަކުރާ ވަގުތަކީ ވަރަށް އުފާވެރި ޚާއްސަ ވަގުތުކޮޅަކަށް ވެގެންދާނެއެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!